މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ އާ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިއްޖެއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާދެއްވައި، ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. އެހެންވެ، އެ ޕާޓީގެ ވަގުތީ ރައީސްކަން މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެހެންވެ، އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލުމަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދު މެންދުރުފަހު 2 ޖަހަންދެން ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި އަންނަ މަހުގެ ދެވަނަ ދުވަހު އިންތިހާބު އޮންނާނެ ކަމަށް ވެސް އިއުލާނުކުރިއެވެ.

މިއަދު ނެރުނު ނޫސްބަޔާނުގައި އެމްޑީޕީން ބުނީ، އެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ޝާހިދު ކަމުން، އެ މަގާމަށް ޝާހިދު ހޮވިވަޑައިގަތީ ކަމަށެވެ.

ނިމިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވަނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިފައެވެ. މީގެ އިތުރުން 2008 ވަނަ އަހަރު ތަސްދީގުކުރެވުނު އާ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ޝާހިދު ކުރައްވާފައިވެއެވެ.