އާމްދަނީ ހޯދުމަށްޓަކައި ގޭގައި ތިބެގެން ވިޔަފާރި ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އިތުރު ފުރުސަތެއްގެ ގޮތުން އެމްއެފްޑީއޭގެ ލޯގޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިފުތިތާހުކޮށްދެއްވައިފިއެވެ.

މެޑަމް ސާޖިދާ މި ލޯގޯ އިފްތިތާހުކޮށްދެއްވާފައިވަނީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ ހަފުލާގައެވެ. ސާޖިދާ ވިދާޅުވީ މިއަދު އިފުތިތާހުކޮށްދެއްވި ލޯގޯ އާއެކު ގޭގައި ތިބެގެން މަސައްކަތްކުރައްވާ ފަރާތްތަކަށް އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް ފުރުސަތު ފަހިވެގެންދާނެކަމަށެވެ. ވަކިން ހާއްސަކޮށް އަންހެނުންނަށް އެ ފަރާތްތަކުގެ ވިޔަފާރިތަކަށް މިކަމުން ފައިދާ ލިބިގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ސާޖިދާ ވިދާޅުވީ މި ލޯގޯގެ މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމް.އެފް.ޑީ.އޭ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކެއްކަން ކަށަވަރު ކުރުމެވެ. އަދި މިކަމުގެ ސަބަބުން އާންމުންގެ އިތުބާރު އެފަދަ ވިޔަފާރި ކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށާއި ވިޔަފާރި އިތުރަށް ފުޅާކުރުމަށްވެސް މަގުފަހިވެގެން ދާނެ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

މިފަދަ މަސައްކަތްތަކުގެ ސަބަބުން ގައުމުގެ ކުރިއެރުން އިތުރު ހަރުފަތްތަކަކަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ސާޖިދާ ވަނީ ވިދާޅުވެފައެވެ. އަދި ސާޖިދާ ވަނީ 2021 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަހަށް ގާނޫނަކަށްވެ އެ ގާނޫނު ތަންފީޒުވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ.

މި ލޯގޯއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ދިރިތި ޕޯޓަލް މެދުވެރިކޮށް ލޯގޯއަށް ހުށައެޅޭނެއެވެ.