ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ފްލެޓުތައް ދޫކުރުމުގައި ގޯހެއް ހަދާފައި ނޯންނާނެ ކަމަށާއި، ފްލެޓުތައް ގޯސްކޮށް ދޫކުރެވިފައިވާ ނަމަ، އެކަން ކުރި ބަޔަކަށް ފިޔަވަޅު އެޅުއްވުމަށް، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިލްތިމާސްކުރައްވައިފިއެވެ.

ފްލެޓު ލިސްޓުގެ މައްސަލައިގައި އޭސީސީން ކުރި ތަހްގީގުން ބެލި 4،048 ފޯމުގެ ތެރެއިން:

  • ޝަރުތު ފުރިހަހަމަވަނީ 20.7 ޕަސެންޓު މީހުންގެ
  • 59.6 ޕަސެންޓު މީހުންގެ ޝަރުތުތައް ފުރިހަމަނުވޭ
  • 19.7 ޕަސެންޓު މީހުންގެ ޝަރުތު ފުރިހަމަ، ނަމަވެސް ފޯމުގައި މަައްސަލަ އެބަހުރި

މި މައްސަލައިގައި އިތުރަށް މަޝްވަރާކުރުމަށްޓަކައި މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ފްލެޓު ކޮމިޓީގައި އިސްކޮށް އުޅުއްވި ބޭފުޅުންނާއި އޭސީސީ ހާޒިރުކޮށް، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އެކީގައި ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފްލެޓު ކޮމިޓީގެ ޗެއާކަން ވެސް ކުރެއްވި އަކްރަމް ވިދާޅުވީ، އެތައް ފަހަރަކު ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެ، ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް ސާފުކޮށް ދަންނަވާފައިވާނެ ކަމަށާއި، އެ މަސައްކަތް ކުރިއަށް ދިޔައީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އަކްރަމް ވިދާޅުވީ، ދާއިމީ ލިސްޓުގައި ތިބި އެންމެންގެ ޝަރުތު ފުރިހަމަވޭތޯ އޭސީސީން ބަލަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލެޓުތަކަކީ ލިސްޓުގައި ޝަރުތު ފުރިހަމަވާ ކަމަށް އޮތް މީހުންގެ ހައްގެކެވެ، އަދި އެ މީހުންނަށް ފްލެޓުތައް ދޭން ނިންމައި އެއްބަސްވުންތައް އެކުލަވާލެވި ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ ސަރުކާރުން ނިންމަވަން ޖެހޭނީ އަދި މަޖިލިސް އިން ވެސް ބައްލަވަން ޖެހޭނީ އެ މީހުންގެ ހައްގު ލިބޭ ގޮތަށް، ނިންމަވަން ޖެހޭނީ [އެގޮތަށް]، މިކަން ކޮށްފަ އޮތީ ގޯސްކޮށް ކަމަށް ވަންޏާ ގޯސްކޮށް ކުރި ބަޔަކާ ދޭތެރޭ ފިޔަވަޅު އަޅުއްވާށޭ، އެ ބޭފުޅުން ޕީނަލައިޒް ނުކުރައްވާށޭ، އެ އެއްޗެހި އެ ބޭފުޅުންނަށް ދެއްވާށޭ ލަސްނުކޮށް،" އަކްރަމް ވިދާޅުވިއެވެ.

އިތުރަށް އަކްރަމް ވިދާޅުވި ގޮތުގައި އޭސީސީން ފްލެޓު ލިސްޓުގެ މައްސަލައިގައި ތަހުގީގު ކުރިއަށް ގެންދާ ގޮތް ރަނގަޅުކަމުގައިވީ ނަމަވެސް، މައްސަލަ އެއްކޮށް ބަލައި ނިމުމަށް ފަހު ނޫނީ ބައެއްގެ ޝަރުތު ފުރިހަމަނުވާކަމަށް ކަނޑައެޅުން ރަނގަޅެއް ނޫނެވެ.

ފްލެޓު ދޫކުރުމުގެ އިތުރުން، ގޯތި ދޫކުރުމުގެ މަސައްކަތް ވެސް ކުރީ ރަނގަޅަށް ކަމަށާއި، އެއްވެސް ގޯހެއް ހައްދަވާފައި ނޯންނާނެ ކަމަށް، ތަކުރާރުކޮށް އަކްރަމް ވިދާޅުވިއެވެ.