ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި މިހާތަނަށް 5،240 މީހުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް، އިސްމާއިލް ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ގާތްގަނޑަކަށް 6،000 އޮފިޝަލުން ބޭނުންވާ ކަމަށެވެ. އަދި އިއްޔެގެ ނިޔަލަށް އެ ފުރުސަތަށް ކުރިމަތިލާފައި ވަނީ 5240 މީހުން ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފެލިދެއަތޮޅު، މާލެ ސިޓީ އަދި ބައެއް އެހެން ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކަށް އިތުރު އޮފިޝަލުން ބޭނުންވާ ކަމަށާއި އޮފިޝަލުންގެ ގޮތުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު 5 މާޗް 2024 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.
އޮފިޝަލުންގެ އެލަވަންސްގެ ގޮތުގައި ގާތްގަނޑަކަށް 2500 ރުފިޔާއާއި 3500 ރުފިޔާ އާ ދެމެދުގެ އުޖޫރައެއް ދިނުމަށް ނިންމާފައިވާއިރު ވޯޓުލާ މަރުކަޒުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވެވާ ފަރާތްތަކަށް އެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް 1414 އަށް ގުޅުމަށް ވަނީ އެދިފައެވެ.
މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކުން 368 ކެނޑިޑޭޓުން ވާދަކުރަން ވަނީ ފޯމް ހުށަހަޅާފައިވާއިރު އީސީން ހާމަކުރި ގޮތުގައި އޭގެތެރެއިން އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުން ކަމަށެވެ. އެގޮތުން 130 ކެންޑިޑޭޓަކު އަމިއްލަ ގޮތުން ވާދަ ކުރައްވާ ކަމަށް އީސީން މައުލޫމާތު ދީފައި ވެއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ. ނަމަވެސް މިހާތަނަށް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އީސީން ނިންމާފައިނުވާއިރު އިންތިހާބުގެ ތާރީހަށް ބަދަލެއް އަޔަސް، އިންތިހާބަށް ކުރިމަތިލުމަށް އިތުރު މުއްދަތެއް ނުދޭނެ ކަމަށް ހަބީބް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.