ރައީސް ޔާމީންއަށް އިންސާފު ލިބުމަކީ އެމަނިކުފާނަށާއި ގައުމަށް އެންމެ އިންސާފުވެރި ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފޭދޫ އާއި ހިތަދޫ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގައުމަށް ހަމަޖެހުން އަންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ސީޔަސީ ގޮތުން އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިގެން ނުވާނެ ކަމަށެވެ. އަދި މީގެ ކުރިން ފެންނަނީ ގައުމުގެ ވެރިކަންކުރުމަށްފަހު، ވެރިކަން ނިމުނީމާ އެ ފަރާތްތައް ގެންގޮސް ހައްޔަރު ކުރާތަން ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މީގެ ކުރިން އެކަން އެހެން އޮތް ނަމަވެސް އެކަން ރައީސް މުއިއްޒުގެ ފަރާތުން ފެނިގެން ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިޔާސީ ގޮތުން ހައްޔަރު ކުރާނެ މީހަކު ނުހުންނާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގައުމަށް ހަމަޖެހުން އަންނާނީ ގައުމު ބަސްކިޔަން ތިބި ސިޔާސީ ފަރާތްތައް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ކަމަށެވެ. އަދި މިހާ ދުވަސްވެގެން ދިޔައިރުގައި ރައީސް ޔާމީންއަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން ކަމަށެވެ.
ރައީސް ޔާމީންއަށް އިންސާފު ލިބެން ޖެހޭ ކަމަށާއި އިންސާފު ލިބުން ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން އެމަނިކުފާނަށް ވެސް ޖުޑީޝަރީގެ ތެރެއިން އިންސާފު ލިބެންވާނެ ކަމަށާއި ޖުޑިޝަރީ ހިނގަނީ މި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައީސް ޔާމީންއަށް ވެސް އިންސާފު ލިބި "ޖަސްޓިސް ސާވް" ވުމަކީ މި ގައުމަށް އަދި އެމަނިކުފާނަށް ވެސް އޮތް އެންމެ އިންސާފުވެރި ގޮތް ކަމަށެވެ. އަދި އުންމީދު ކުރައްވަނީ ޖުޑީޝަރީގެ ތެރެއިން އެމަނިކުފާނަށް ދާދި އަވަހަށް އިންސާފު ލިބިގެންދާނެ ކަމަށް ކަމަށާއި އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހެއް މި ސަރުކާރުގައި ނުހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރަކީ އަދުލުވެރިކަން ފުރިހަމަ މިނުގައި ގާއިމްކުރާ ސަރުކާރެއްކަމުން، މި ސަރުކާރުން އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެއެވެ.
ރައީސް ޔާމީން މިނިވަން ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ރިޔާސީ ކެމްޕެއިން ތެރޭގައި ވެސް ރައީސް އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅަކީ ޖުޑީޝަރީއަށް އޮތް ނުފޫޒު ހުއްޓުވާ، ޔާމީންއަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމުގެ ވާހަކައެވެ. ނަމަވެސް ޔާމީންގެ ޝަރީއަތް ލަސްވެ، އެމަނިކުފާނުގެ މައްސަލަ ހުއްޓިފައޮ އޮތުމުން، އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ކަންބޮޑުބުން ފާޅު ކުރަމުންނެވެ.މަށެވެ.