ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވަރުން ދަވަން ބައްޕައަކަށް ވާން އުޅޭކަން އިއުލާންކޮށްފިއެވެ.

ބަތަލު ވަރުން އަށް އަލަތު ދަރިފުޅު ލިބޭކަން އިއުލާންކުރީ އިންސްޓަގްރާމުގައި އެކްޓަރު ހިއްސާކުރި ޕޯސްޓެއްގައެވެ. ނަތާޝާ ދަލާލުގެ ބަނޑަށް ދޮނެއްދެމުން ނަގާފައި އިން ފޮޓޯގަނޑެއް އިންސްޓަގްރާމުގައި ހިއްސާކުރަމުން ބުނީ "ވީއާ ޕްރެގްނެންޓް" ކަމަށެވެ. އެއާއެކު ބޮލީވުޑްގެ ކުޅަދާނަ އެކްޓަރުންނަށް ވަނީ އެ ޕޯސްޓަށް މަރުހަބާ ކިޔުމަށްފަހު ކޮމެންޓްކޮށްފައެވެ. އޭގެ ތެރޭގައި ކިއާރާ އަދުވާނީ، ކްރިތީ ސެނަން، ވާނީ ކަޕޫރު، ޖެކަލީން ފާނަންޑޭޒް އަދި އަރުޖުން ކަޕޫރު ފަދަ މަޝްހޫރު އެތައް ތަރިން ހިމެނެއެވެ.

އިންސްޓާގައި ވަރުން ހިއްސާކުރި ޕޯސްޓް---

ފެޝަން ޑިޒައިނަރެއް ކަމަށްވާ ނަތާޝާ ދަލާލް އާއި އެކްޓަރު ވަރުން ކައިވެނިކުރީ ޖެނުއަރީ 24، 2021 އެވެ. މީގެ ކުރިން ވަރުން ދިން އިންޓަވިއުއެއްގައި ބުނީ ނަތާޝާ އޭނައަށް އެންމެ ފުރަތަމަ ފެނުނީ ހަ ވަނަ ގުރޭޑުން ކަމަށާއި 12 ވަނަ ގުރޭޑު ނިމެންދެން ދެ މީހުން ތިބީ އެކުވެރި ދެ ރަހުމަތްތެރިންގެ ގޮތުގައި ކަމަށެވެ. މި ދެމީހުންނަކީ ޅައުމުރުން ފެށިގެން އެއްކޮށް އުޅުނު ދެ ލޯބިވެރިންނެވެ.

2012 ވަނަ އަހަރު ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވި ވަރުން އަކީ ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ދަވަން ގެ ހަގު ދަރިފުޅުވެސްމެއެވެ. ބަތަލު އެންމެ ފަހުން ފެނިގެންދިޔައީ ޖާންވީ ކަޕޫރުއާއެކު "ބަވާލް" އިންނެވެ.