އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަ ކުރައްވާނެކަން އިއުލާން ކޮށްފިއެވެ.

އެކަން އިއުލާން ކުރައްވާ ޝާހިދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ގަސްތުކޮށްފައިވާ ކަމަށާއި އެކަމުގައި އެމްޑީޕީ ހުރިހާ މެންބަރުންގެ ތާއިދާއި އެއްބާރުލުން ދެއްވުމަށް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

އަދި ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިއުމުގެ މަސައްކަތް ފަށަން ޖެހޭކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ އާ ފޯރިއާއި އާ ޖޯޝަކާއެކު އާ ބާރެއްގައި އެންމެން އަތުގުޅާލުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ. އެކަން ބަލާލި ކޮންމެ ދިމއައަކުންވެސް ފެންނަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ފިޔަވާ މިހާތަނަށް އެމްޑީޕީގެ ރައީސް ކަމަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާއިރު މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ. އަދި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 2 ވަނަ ދުވަހުއެވެ.

އެ ޕާޓީގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވަނީ އެމްޑީޕީގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އޭގެ ފަހުން އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް މީހަކު އައްޔަން ކޮށްފައި ނުވެއެވެ. އަދި ވަގުތީ ގޮތުން ޕާޓީގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހަމަޖައްސައިފައެވެ.