މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުދޭ ކަމަށްބުނެ ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކޮށްފިއެވެ.
މި އިހުތިޖާޖުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައިވެސް މިހާރު ދައުރުވަމުން ދާއިރު އެކަމާ ގުޅިގެން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދިނުމުގެ ސަބަބުން އެމީހުންގެ އާއިލާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތި ވެފައިވާ ކަމަށެވެ.
އެގޮތުން އާންމު ޒަރޫރީ ބޭނުންތައް ކަމަށްވާ ކަރަންޓާއި އިންޓަނެޓްގެ އިތުރުން ބޭންކް އިން ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދެއްކި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.
"ދުވަހުން ދުވަހަށް މަސްވެރިންގެ އާއިލާތަކަށް ބޭނުންނާ ޒަރޫރީ ކަންކަން ކުރުމަށްވެސް ވަނީ ދަތިވެފައި. ސަރުކާރުން މަސްވެރިންނާ މެދު އިހުމާލުވާން ހުއްޓާލަން ޖެހޭ" ސައުދުގެ ޕޯސްޓުގައި ވެއެވެ. އަދި ހަމަހަމަ އެހެންމެ މަސްވެރިންނަށް ދޫކުރަންޖެހޭ ހުރިހާ ފައިސާ ވަގުތުން ދިނުމަށް ސައުދު ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ މަސްވެރިން ކޫއްޑޫގެ މުޒާހަރާގައި ބައިވެރިވެ އަޑު އުފުލަމުންދެއެވެ. އަދި އެމީހުން ކައިރި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އަދި މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އެމީހުންނަށް ނުލިބި ހުރި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށެވެ.
މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުލިބި ގިނަ ދުވަސްވުމުން މީގެ ކުރިންވެސް މަސްވެރިން އިހުތިޖާޖުކޮށްފައިވެއެވެ. އަދި އެފަދަ މީހުންގެ ކަންބޮޑުވުންތައް އައްސަވާ، ރައީސް ވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހަމަޖައްސާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ ނުދީ އޮތް ކަމަށާއި، އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ދެ ފަހަރެއްގެ މަތިން 200 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާ ކަމަށެވެ. އެކަމަކު އަދިވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށްޓަކައި ސޮވަރިން ގެރެންޓީ ދީގެން ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްވެސް ވަނީ ވިދާޅުވެފައެވެ.