މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބުމުން ކޫއްޑޫގައި މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖު ހުއްޓާލުމާއެކު އެތަނުގެ އޮޕަރޭޝަން ފަށައިފިއެވެ.
މަސްވެރިން ބާނާ މަހަށްވާ 280 މިލިއަނަށްވުރެ ގިނަ ފައިސާ ނުދޭ ކަމަށް ބުނެ ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި މަސްވެރިން ދިޔައީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިހުތިޖާޖު ކުރަމުންނެވެ.
މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދާނެ ގޮތެއް ނެތްކަމަށް ބުނެ އިހުތިޖާޖުގެ ބައިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރ އެކަމުގައި ސަރުކާރުން ވަކި ގޮތެއް ނުނިންމަނީސް އިހްތިޖާޖު ހުއްޓާނުލާނެ ކަމަށް މަސްވެރިން ވަނީ ބުނެފައެވެ. މި އިހުތިޖާޖާ ގުޅިގެން ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސް އިން ވަނީ މަސް ކިރުވުން ފަދަ އޮޕަރޭޝަންތައް ހުއްޓާލާފައެވެ.
ހަތަރު ދުވަހަށް ދެމިގެންދިޔަ މި އިހުތިޖާޖު ހުއްޓާލާފައިވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިއަދާ މާދަމާ 70 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށާއި އަދި ބާކީ 30 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހު ދީ ނިންމާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު އިއުލާން ކުރުމާ ގުޅިގެންނެވެ.
މީގެ އިތުރުންވެސް ސަރުކާރުގެ މަސްވެރި ކުންފުނި، މިފްކޯއިން ނެރުނު ބަޔާނެއްގައިވެސް ބުނެފައިވަނީ ގއ. ކޫއްޑޫގައި މަސްވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގައި މަސްވެރިންނާ ހިއްސާކޮށްފައިވާ، ފައިސާ ދޫކުރާނެ ގޮތުގެ ތާވަލާއި އޭގެ ތަފުސީލުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން ފައިސާ ދޫކުރަމުންދާނެ ކަމަށް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހަމަޖައްސާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ހަމައެހެންމެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރި ސިނާއަތު ތަރައްގީކޮށް މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް މަސްވެރި އާއިލާތަކުގެ ތަނަވަސްކަން އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް ޝިޔާމްވެސް ވިދާޅުވެފައި ވެއެވެ.