ގއ. ކޫއްޑޫއިން ފައިލޭރިއާއަށް ޕޮޒިޓިވްވި ތިން މީހުންގެ ހާލު ރަނގަޅު ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު "ދަ ޕްރެސް" އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މިފްކޯއިން ފައިލޭރިއާ އަށް ޕޮޒިޓިވްވި ތިން މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި އެއީ އިންޑިއާގެ ތިން މީހުން ކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ ކޫއްޑޫއިން ފައިލޭރިއާއަށް ޕޮޒިޓިވްވި ތިން މީހުނަކީ މި ފަހުން ރާއްޖެއައި ތިން މީހުން ނޫން ކަމަށާއި އެ މީހުން ރާއްޖެ އައިސް މަސައްކަތް ކުރަމުން ދަނީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކަމަށެވެ.

އެކަމާ ގުޅިގެން ފެލިވަރާއި ކޫއްޑޫގައިވެސް ސްކްރީނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށާއި ޕޮޒިޓިވްވި މީހުން ފަރުވާދީ ރަނގަޅުވެފައިވާތީ އޮޕަރޭޝަންތައް އާންމު އުސޫލުން ކުރިއަށްދާ ކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ.

ރާއްޖެއިން މުޅިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ މިދިޔަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށިންނެވެ. އެ ރަށުން 25 މީހަކު އެ ބައްޔަށް ޕޮޒިޓިވްވިއިރު އެ ދުވަސްވަރު ޖުމްލަ 32 މީހަކު ވަނީ މާލެ ސަރަހައްދު ހިމެނޭހެން އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެ ހުރިހާ މީހުންނަކީވެސް ބިދޭސީންނެވެ.