ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ސްޕެއިންގެ ފިރިހެން ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. މި ހާދިސާގައި މިޔަރު ހަމަލާދިނުމުގެ ސަބަބުން ފަތުރުވެރިޔާގެ ދެ ފައި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައި ކަމަސް ފުލުހުން ބުނެއެވެ.

ހާދިސާ ހިނގުމާއެކު އޭނާ ވަނީ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފުރަތަމަ ފަރުވާ ދިނުމަށްފަހު، އޭނާގެ ހާލަތު ސީރިއަސް ވުމުން އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައި ކަމަށް ފުލުހުން ބުނެއެވެ.

އެ ފަތުރުވެރިޔާ މާލެ ގެނެސް ފަރުވާދެމުން ދަނީ ކޮން ހޮސްޕިޓަލެއްގައި ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް، އޭނާގެ ހާލަތު ގާތުން މޮނިޓަރކުރަމުންދާ ކަމަށާއި، އޭނާގެ އާއިލާއަށް މިކަން އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ފަތުރުވެރިއަކަށް މިޔަރެއްގެ ހަމަލާއެއް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. ކޫއްޑޫ ކައިރީގައި އޮންނަ ކަނޑުގެ ސަރަހައްދަކީ ގިނަ އަދަދަކަށް ފަތުރުވެރިން ޑައިވްކުރުމަށާއި ސްނޯކްލިންގއަށް ގޮސް އުޅޭ ސަރަހައްދަކަށްވާ އިރު، މި ހާދިސާގެ ސަބަބުން އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. މި ހާދިސާ ހިނގި ވަގުތު އޭނާއާއެކު އިތުރު ބަޔަކު ތިބިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.