19 އަހަރަށް ޖަލަށް ލައިފައި ހުއްޓާ ރަޝިއާގެ އިދިކޮޅު ލީޑަރު, އުމުރުން 47 އަހަރުގެ އެލެކްސީ ނަވަލްނީ މަރުވެއްޖެއެވެ.
ނަވާލްނީ އަކީ ރަޝިއާގެ މިހާރުގެ ރައީސް ވްލަޑިމިއާ ޕުޓިން އާ ދެކޮޅު ހަރަކާތުގެ އިސްވެރިއެއްގެ އިތުރުން އިދިކޮޅު ޕާޓީގެ ލީޑަރު ވެސް މެއެވެ. ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރުމާއި, ފަސާދަ އާއި އެހެނިހެން ތުހުމަތުތަކުގައި ދައުވާ އުފުލައި ނަވާލްނީ ޖަލަށް ލީ ރަޝިއާގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަ ކުރިޔަ ނުދިނުމަށެވެ.
ނަވާލްނީގެ މައްޗަށް ކުރާ ތުހުމަތުތަކާއި އޭނާ މަރާލުމަށް މީގެ ކުރިން ރަޝިއާގެ ސިއްރު އެޖޭންޓުން ވިހަ ދިން މައްސަލައެއް ވެސް ފެންމަތިވެފައި ވާ އިރު, އެ ފަހަރު ނަވާލްނީ ފަރުވާ ހޯދީ ޖެހިގެން އޮންނަ ޖަރުމަނުންނެވެ. އެނބުރި އައިތަނުން އަލުން ހައްޔަރު ކޮށް ޖަލުގައި ގެންގުޅޭތާ އެތައް ދުވަހެއް ވީ ފަހުން އިތުރު ދައުވާތަކެއް އުފުލައި މަރުވި އިރު ހުރީ 19 އަހަރުގެ ހުކުމެއްގައެވެ.
ނަވާލްނީގެ މަރާ ގުޅިގެން ދުނިޔޭގެ ލީޑަރުން ރަޝިއާ އަށް ފާޑުކިޔަމުން އަންނަ އިރު އެމެރިކާއިން ބުނެފައި ވަނީ ނަވާލްނީގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ ރަޝިއާއިން ކަމަށެވެ. އެގޮތުން އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް އާއި ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވަނީ އެ މޭރުމުން ރަޝިއާ އަށް ފާޑުވިދާޅުވެފައެވެ.
ނަވާލްނީގެ މަރާ ގުޅިގެން އޭނާގެ އަންހެނުން ޔޫލިޔާ ނަވާލްނަޔާ ބުނީ, ނަވާލްނީ މަރުވިކަން ޔަގީން ނުވާ ކަމަށާއި އޭނާ މަރުވިކަމަށް ވާނަމަ ޕުޓިން އާއި އޭނާގެ ބައިވެރިންނަށް އަދަބު ނުލިބި ސަލާމަތް ނުވާނެ ކަމަށެވެ. ނަވާލްނީ ޖަލުގައި ހުންނަ އިރު އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު އަނބިމީހާއަށް ވެސް އާންމުކޮށް ނުދެއެވެ. އެކަހެރި ޖަލެއްގައި ބަހައްޓާފައި ހުރި ނަލާވްނީ މަރުވީ މިއަދު ހިނގާލަށް ނިކުމެ އުޅުމަށް ފަހު ކަމަށާއި މަރުވީ ލޭކޮޅެއް ގަނޑުވެފައި ހުރުމުގެ ސަބަބުން ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެފައި ވެއެވެ.
ނަވާލްނީގެ އަންހެނުން އިތުރަށް ބުނެފައި ވަނީ, ރަޝިއާގައި އޮތް ނުރައްކާތެރި ސަރުކާރާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށާއި ނަވާލްނީގެ މަރުގެ ޒިންމާ ޕުޓިން އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމަށް ބާރުއަޅައިދޭން ޖެހެނޭ ކަމަށެވެ.