މާލޭގެ މަގުތަކަށް ކުނި އަޅާ މީހުން އެނގިއްޖެނަމަ ސިޓީ ކައުންސިލާއި ފުލުހަށް ރިޕޯޓު ކޮށްދިނުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަ ކުރެވެމުން ދާނަމަ ފުލުހަށް އަދި ކައުންސިލަށް އަންގައިދިނުމަށް މާލޭ ސިޓީގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކުނި އެޅުން ހުއްޓުވުމަށް ހުރިހާ އެންމެންވެގެން މަސައްކަތް ކުރުމަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.

އާޒިމް ވިދާޅުވީ މިއީ އެންމެންގެ މާލެއެއް ކަމަށާއި ކުނި އެޅުމުގެ މައްސަލަ ހައްލުކުރުމަށް ހެޔޮ ނިޔަތުގައި މަސައްކަތް ކުރަމުންބދާއިރު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މަގުމައްޗަށް ކުނި އެޅުމަކީ ސީދާ ކަނޑައެޅިގެން މަނާކަމެއް ކަމަށާއި މަނާ ކަމެއްގެ އިތުރުން އެކަމަކީ ނާތަހުޒީބު ކަމެއް ކަމަށެވެ. އަދި ތަހުޒީބު މުޖުތަމައުއެއް ހޯދަން މަސައްކަތް ކުރާއިރު ރައްޔިތުން ގޮސް ކުނި އެޅުމުން ކުނި ނަގާ ބަޔަކަށް ސިޓީ ކައުންސިލް ނޫނީ ވެމްކޯ ވެގެން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފަރުދީ ޒިންމާ އަދާ ނުކޮށް އެ ކަންކަން ހައްލު ނުކުރެވޭނެ ކަމަށާއި ތަންތަނަށް ކުނި އަޅާތީ ކޮންމެ ކަންމައްޗެއްގައި ވެށި ފާރަވެރިން ނުވަތަ ފުލުހުން ބައިތިއްބައިގެން ކަންކަން ހައްލު ކުރުމަކީ ރައްޔިތުންގެ ފައިސާ އިސްރާފް ކުރަން ރައްޔިތުން ބާރު އެޅުން ކަހަލަ ކަމެއް ކަމަށެވެ.

އާޒިމް ވިދާޅުވީ މަގުމައްޗަށް ކުނި އަޅާ ފަރާތްތަށް ޖޫރިމަނާ ކުރަން ފަށާފައިވާ ކަމަށެވެ. އަދި ކުނިއެޅުން ހުއްޓުވުމަށް ފުލުހުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ފުލުހުންނާ އެކުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.