އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި އެ އިންތިހާބު އަންނަ މާޗް މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެމްޑީޕީން ބުނީ،އެ ޕާޓީގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މާޗް މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފާއިރު، އެ މަގާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި އިންތިހާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެ ޕާޓީގެ މެންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ފުރިހަމަކޮށްފައިވާ ކުށާއި ދަރާނީގެ ރިކޯޑާ އެކު މި ގޫގުލްފޯމް ފުރިހަމަކޮށް ހުށަހެޅުމަށް އެމްޑީޕީން ބުނެއެވެ.
މިދިޔަ ޖޫން މަހުގެ 21 ގައި އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާދެއްވައި، އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމުގެ މަހެއްހާ ދުވަސް ކުރިން، އެ ޕާޓީގެ އޭރުގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
އެހެންކަމުން އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހުސްވެފައި އޮއްވާ، މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ހަމަޖައްސާފައެވެ. ނަމަވެސް އެމްޑީޕީގެ ވަގުތީ ނައިބު ރައީސް ކަމަށް އެއްވެސް ބޭފުޅަކު ހަމަނުޖައްސައެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން، އެ ޕާޓީގެ ރައީސަކީ ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ، އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތެވެ. އެ މަގާމަކީ ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރެވޭ މަގާމެއް ކަމަށް، އަސާސީ ގަވައިދުގައިވެއެވެ.