އައްޑޫ ސިޓީގައި ކުޅިވަރު ތަރައްގީއަށް ފާއިތުވި 5 އަހަރުތެރޭގައި އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެވިފައި ވާކަމަށް ކުރީގެ ޔޫތު މިނިސްޓްރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފު މިހެން ވިދާޅުވީ ނިމިގެން ދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމްގެ މަރާމަތަށް ވަރަށް ގިނަ ފަހަރު އެދިފައިވާކަމަށާއި އެހެންނަމަވެސް ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔައީ އެއްވެސް މަސައްކަތެއް ނުކުރެވިކަމަށް އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަލީ ނިޒާރު ވިދާޅުވުމާ ގުޅިގެން އެ ވާހަކައަށް ރައްދު ދެއްވަމުންނެވެ.

މި ގޮތުން އެކްސްގައި މަހްލޫފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ސްޓޭޑިއަމް އިމާރާތް ބާވެފައިހުރި ވަރުން ކުރީ ސަރުކާރުން ނިންމީ ހިތަދޫގައި ސިންޓެޓިކް ޓްރެކެއް ތަރައްގީކުރުމަށްކަމަށެވެ. އެގޮތުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 40 މިލިއަން ޑޮލަރު ހޯދާ އެޕްރޮޖެކްޓު ތަކުގެ ތެރޭގައި ހިތަދޫ ސިންތެޓިކް ޓްރެކް ތަރައްގީކުރަން ބޭނުންވާ 1.6 މިލިއަން ޑޮލަރު ހަމަޖައްސާފައިވާކަމަށް މަހްލޫފު ވިދާޅުވިއެވެ. އަދި އެ ކަމަށް ބޭނުންވާ ބިޑުތައް ނަގާ އިވެލުއޭޝަން މަސައްކަތްވެސް ނިމިފައިވާއިރު މިސަރުކާރުން ކުރަންޖެހޭ ހަމައެކަނި ކަމަކީ ސޮއިކޮށް މަސައްކަތް ފެށުންކަމަށް މަހްލޫފު ވިދާޅުވިއެވެ. "އައްޑޫ ސިޓީގެ ސްޓޭޑިއަމް މަރާމާތުކުރިކަން ނިޒާރަށް އެނގިވަޑައިނުގަތީކަމަށް ވެދާނެ. ހިތަދޫ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ގެ ބިޑު ނަގާ އިވެލުއޭޝަންް ވާނީ ނިންމާފަ. އަވަހަށް ސޮއިކޮށް މަސައްކަތް ފަށަންވީ." މަހްލޫފު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އައްޑޫ ކުޅިވަރު ތަރައްގީކުރުމަށް ކޮށްފައިވާ މަސައްކަތްތައް ހާމަކުރަމުން މަހްލޫފު ވިދާޅުވީ ފާއިތުވި 5 އަހަރު އައްޑޫގައި ކުޅިވަރު ތަރައްގީއަށް ކުރުމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާއިރު އޭގެ ތެރޭގައި 4 ބޮޑު ފުޓުބޯޅަ ދަނޑު، 2 ސުވިމިން ޓްރެކު، ބެޑްމިންޓަން އިންޑޯ ކޯޓު، އައުޓްޑޯ ވޮލީ ކޯޓު، އަދި ކުޑަކުދިންގެ ޕާކު ގެ އިތުރުން 3 ފުޓްސަލް ދަނޑު ތަރައްގީކޮށްފައިވާކަމަށެވެ. އަދި ބޭޑްމިންޓަން އިންޑޯ ވީރާނާވެގެން ދިޔަނުދިނުމަށް އެތަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ރަނގަޅު ބެޑްމިންޓަން ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ހިންގަން ތަކުރާރުކޮށް އާދޭސްކުރެވުނުކަމަށް މަހްލޫފު ވިދާޅުވިއެވެ.

މީގެ އިތުރުން މަހްލޫފު ވިދާޅުވީ ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރުމަށް ޓީޓީ އެސޯސިއޭޝަން އާއިއެކު ކުރި މަސައްކަތް ކާމިޔާބު ނުވީ ކައުންސިލުގެ އެއްބާރުލުން ނުލިބިގެންކަމުގައެވެ. އަދި އިންޑޯ ވޮލީ ކޯޓު ހަދަން ކައުންސިލާ ހަވާލުކުރިތާ 3 އަހަރު ވީއިރުވެސް އެމަސައްކަތް ފެށިފައިނުވާއިރު 2 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނީ 3 އަހަރުންކަމަށް މަހްލޫފު ވިދާޅުވިއެވެ.

އިތުރަށް މަހްލޫފު ވިދާޅުވީ އައްޑޫ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ނިޒާރު ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަވާހަކައެއްކަމަށާ މިދިޔަ 5 އަހަރު އައްޑޫގައު ކުޅިވަރު ކުރިއަރުވަން ކުރި މަސައްކަތާއި ކުރި ހަރަދު އޭގެކުރިން ފާއިތުވި 40 އަހަރާވެސް ނުބައްދަލުވާނެކަމަށެވެ.