ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ކެއުމުގެ ހަރަދާއި ބޭސްފަރުވާގެ ހަރަދުތައް ހުއްޓާލުމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގޮވާލައްވައިފިއެވެ.

ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރުކަންވެސް ކުރައްވަމުންދާ ސަލީމް މިހެން ވިދާޅުވެފައި ވަނީ މި ހިނގާ 19 ވަނަ ރައްޔިތުން މަޖިލީހަށް 882 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަ ކުރުމާ ގުޅިގެންނެވެ.

މަޖިލީހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ހިނގާ 19 ވަނަ މަޖިލީހަށް މިހާތަނަށް ޖުމްލަ 882،160،153 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޭގެ ތެރެއިން ކެއުންބުއިމުގެ ހަރަދުގެ ގޮތުގައި އެކަނިވެސް 13،211،442 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.

އަދި ހަމައެހެންމެ މުސާރައާއި އިނާޔަތްތަކަށް 601،282،796 ހޭދަކޮށްފައިވާއިރު އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މިހާތަނަށް 146،341،502 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން ސަލީމް ވިދާޅުވީ، މަޖިލީހުން ކެއުމަށް ކުރާ ހޭދަ މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށާއި އަދި މެންބަރުންގެ ބޭސްފަރުވާގެ ހަރަދުތައްވެސް އާސަންދައިގެ ދަށުން ކުރުމަށް ގޮވާލައްވާ ކަމަށެވެ.

"މަޖިލީހުގެ ކެއުމަށް ކުރާ ހޭދަ މިހާރުން މިހާރަށް ހުއްޓާލުމަށް މަޖިލީހުގެ ރައީސްއަށް ގޮވާލަން. ބޭސްފަރުވާގެ ހަރަދުވެސް އާސަންދައިގެ ދަށުން ކުރުމަށް ގޮވާލަން" ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުންވެސް މެންބަރުންނަކީ ރައްޔިތުންނަށް ވުރެ މަތީ ތިބެންޖެހޭ ބައެއް ނޫން ކަމަށްވެސް ސަލީމް ވިދާޅުވެފައި ވެއެވެ.

ސަލީމް މިހެން ގޮވާލައްވާފައި ވާއިރު ދާދިފަހުން މެންބަރުންގެ މުސާރަ 80،000 ރުފިޔާއިން އެއް ލައްކަ ރުފިޔާއަށް ބޮޑުކުރުމަށް ވަނީ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައެވެ. އެއީ މުސާރައިގެ ގޮތުގައި 80،000 ރުފިޔާގެ އިތުރުން ކޮމިޓީ އެލެވަންސްގެ ގޮތުގައި 20،000 ރުފިޔާއާއެކު ޖުމްލަ 100,000 ރުފިޔާ ލިބޭ ގޮތަށެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު އަދި ހުރިހާ މިނިސްޓަރުންގެ މުސާރަ ބޮޑުކުރުމަށްވެސް އެ ކޮމިޓީން ވަނީ ނިންމާފައެވެ.

ހަމަ އެހެންމެ ސަމީލް މިއަދު އެހެން ގޮވާލެއްވި އިރު އޭނާ އަކީ މަޖިލީހުގައި އެންމެ ގިނަދުވަސް ވީ 1 މެންބަރެވެ.