ހދ. ކުމުންދޫގެ މަގުތަކުން އެ ރަށުގެ މީހުންގެ މުރާލިކަމާއި ސާފުތާހިރުކަން ހެއްކަކަށް ފުދޭނެއެވެ. އެ ވެރިންގެ ކެރުންތެރިކަން ދައްކުވާދެމުން ދިޔައީ އެކި އެކި މަސައްކަތްތަކުގައި މަގުތައް މަތީގައި ހޭލަ މޭލިވަމުންދިޔަ މީހުންގެ ހަރަކާތްތަކެވެ. އެ ރަށަކީ ރަށުގެ އާބާދީގެ ނިސްބަތުން ބަލާ ކަމުގައި ވިޔަސް ގިނަ އަދަދެއްގެ ބަޔަކު ދަނޑުވެރިކަން ކުރާ ރަށެކެވެ.
އެ ރަށުގެ 150 ދަނޑުވެރިން، ދަނޑުވެރިކަން ކުރަމުން ދިޔަ ސަރަހައްދަށް ދެވުނުއިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ބޮޑު ސަރަހައްދެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާ އެ ރަށު ވީވަރު، އުމުރުން 60 އަހަރުގެ ހަސަން މުހައްމަދު (ހަސަންބެ) ގެ ދަނޑަށެވެ. ވާހަކަ ފެށުމާއެކު އެނގިގެން ދިޔައީ އެ މަސައްކަތަށް ހަސަންބެގެ ހިތުގައި އޮތް ލޮތްބެވެ. ދާއިރާގެ މައުލޫމާތު މުއްސަނދިކަމާއި ދާން ބޭނުންވާ އަމާޒާއި ހުވަފެން ސާފު ކަމެވެ.
ގޭ ކައިރިން ދަނޑުވެރިއެެއް ފެނި، އުފެދުނު ޝައުގާއެކު ރާވެރިޔާ ފެށި ދަނޑުވެރިކަން!
މީގެ ކުރިން ގިނަ ދުވަސްތަކެއްވަންދެން ރާވެރިކަން ކުރި ހަސަންބެ ދަނޑުވެރިކަމުގެ މަސައްކަތް ފެށީ ރާވެރިކަމުގެ މަސައްކަތް ކުރަމުން މީގެ 18 ވަރަކަށް އަހަރު ކުރިން 2006 ވަނަ އަހަރެވެ. ތަފާތު ގޮތަކަށް ދަނޑުވެރިކަމުގެ މަސައްކަތަށް ވަދެވުނު ހަސަންބެ ބުނީ އެ މަސައްކަތުގެ ތެރެއަށް ވަދެވުނީ ކުރިން ދަނޑުވެރިކަން ކުރި މީހުން އެ މީހުންގެ ދަނޑުން ކަނޑާ އެކި ބާވަތްތަކުގެ ކާބޯތަކެތި ވިއްކުމަށް ބަރޮލާއި ގާޑިއާއަށް އަޅައިގެން ދާތަން ފެނުމުން އުފެދުނު ޝައުގާއެކު ކަމަށެވެ.
މެދުކެނޑުމެއް ނެތި 7 އަހަރު ރާވެރިކަން ކުރި ހަސަންބެ ބުނީ ބޮޑަށް ދަނޑުވެރިކަމުގެ މަސައްކަތް ފެށީ ބަލި ހާލަތު ހުރި ގޮތުން ރާވެރިކަމުގެ މަސައްކަތް ހުއްޓާލުމަށްފަހު ކަމަށެވެ. އަދި ރާވެރިކަމުގެ މަސައްކަތް ކުރީ އެއްވެސް "އޮފެއް" ނުނަގައި 7 އަހަރު ކަމަށާއި އެ މަސައްކަތަކީ ފައިދާ ބޮޑު މަސައްކަތެއް ކަމަށް ހަސަންބެ ބުނެއެވެ.
މިހާރު ހުރިހާ ވަގުތެއްހެންވެސް ދަނޑުގެ މަސައްކަތްތަކުގައި ހޭދަކުރާ ހަސަންބެ ބުނީ ހެނދުނު 6 ޖަހާއިރު ދަނޑަށްދާ ގޮތަށް އެނބުރި ގެޔަށްދަނީ ހެނދުނު 11 ޖަހާއިރު ކަމަށާއި އަނެއްކާ އަސުރު ނަމާދަށްފަހު ދަނޑަށްދާ ގޮތަށް މަޣުރިބު ނަމާދަށް ބަންގި ގޮވަންދެން އުޅެނީ ދަނޑުވެރިކަމުގެ މަސައްކަތުގައި ކަމަށެވެ.
ހަސަންބެގެ ދަނޑުގައި އާންމުކޮށް ހައްދަނީ ލެޓިއުސްއާއި ކެބެޖާއި ބަޓާނާ ބަރަބޯއާއި ކިއުކަންބާއާއި ކަރާ، އަދި ބައްޓެވެ. އަދި ރޯދައަށް ހާއްސަކޮށް މެލަން ހައްދާއިރު މިދިޔަ އަހަރުގެ ރޯދަ މަހު އެ ދަނޑުން ވަނީ 30 ރުފިޔާގެ މަގުން މެލަން ހޯލްސޭލް ވެސް ކޮށްފައެވެ.
ޓަނު ޓަނުން ތަކެތި ހައްދާ ހަސަންބެގެ އެންމެ ހިތްހަމަ ޖެހެނީ އެއްޗެހި ކަނޑަން ލިބޭ ވަގުތު!
އެ ރަށުގައި ތިބޭ 150 ދަނޑުވެރިންގެ ތެރެއިން ގިނަ ބަޔަކު މި ވަގުތުވެސް ދަނޑުވެރިކަން ކުރަމުންދާކަން ފާހަގަކުރަމުން ހަސަންބެ ބުނީ ގާތްގަނޑަކަށް ބުރެއްގެ މައްޗަށް 300 ކިލޯ މެލަން އެ ދަނޑުން ކެނޑޭ ކަމަށާއި އިތުރަށް ހައްދަން ބޭނުންވާނަމަ ހެއްދޭނެ ކަމަށެވެ. އަދި 300 ކިލޯއަކީ އެއްވެސް ހުރަހެއް ނެތި މާކެޓު ކުރެވޭނެ އަދަދު ކަމަށް ހަސަންބެ ފާހަގަކުރިއެވެ.
ހަސަންބެ ބުނީ ދެ ޓަނު ނުވަތަ ދޮޅު ޓަނު ކަރާ އާންމުކޮށް ހެއްދޭ ކަމަށާއި ރޯދަ މަހު ގިނަވެގެން ކަރާ ހައްދަނީ ގާތްގަނޑަކަށް ދޮޅު ޓަނު ކަމަށެވެ. އަދި ހަސަންބެ ބުނީ ދާއިމީކޮށް އަބަދުވެސް ކޮންމެވެސް ދެ ވައްތަރެއް ހެއްދޭ ގޮތަށް ދަނޑުވެރިކަމުގެ މަސައްކަތް ކުރެވޭ ކަމަށްވަނީނަމަ އެއީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ.
އެ ރަށުގެ އިތުރުން ކުޅުދުއްފުށީ ސިޓީގައި ކޮންމެ ހޮނިހިރު ދުވަހު ބާއްވާ "ހޮނިހިރު ބާޒާރަށް" އެ ދަނޑުގައި ހައްދާ ތަކެތި ވިއްކުމަށް ހަސަންބެ ކޮންމެ ހޮނިހިރު ދުވަހަކު އެ ސިޓީއަށް ދެއެވެ. ހަސަންބެ ބުނީ އެހެންދާ ދުވަހެއްގައި އެއްވެސް އެއްޗެއް ނުވިކިގެން އަނބުރާ ހިފައިގެން އަންނަ ނުޖެހޭ ކަމަށާއި އެހެން ރަށްރަށަށް ވެސް އެއްޗެހި ފޮނުވަނީ ރައްޓެހިން ބުނެގެން ކަމަށެވެ.
ހަސަންބެ ބުނީ އޭނާގެ ދަނޑުގައި ހައްދާ ތަކެތި ކަނޑަނީ ހުކުރު ދުވަހު ހެނދުނު ކަމަށާއި ހޮނިހިރު ދުވަހަކީ ކުރާ މަސައްކަތް ނިމުމަކަށް އައިސް ފައިސާއަށްވާ ދުވަސް ކަމަށެވެ. އަދި އެއްޗެހި ކަނޑަން ލިބޭ ވަގުތަކީ އެންމެ ހިތްހަމަ ޖެހޭ ވަގުތު ކަމަށް ހަސަންބެ ވަނީ ބުނެފައެވެ.
ހަސަންބެ ބުނީ ބައެއް ދުވަސް ދުވަހު ގޯންޏެއްގެ ކަރާ ކަނޑައިގެން ގެއާ ހިސާބަށް ނުދެވެނިސް ވިކޭ ދުވަސް ދުވަސް އަންނަ ކަމަށާއި މިހާރު ކަރާ ވިއްކަނީ ކިލޯއެއް 25 ރުފިޔާއަށް ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތް ފެށިއިރު ބޮޑުވެގެން ކަރާ ކިލޯއެއްގެ އަގަކީ 10 ރުފިޔާ ކަމަށް ހަސަންބެ ވަނީ ބުނެފައެވެ. އަދި އޭރުގައި 7 ރުފިޔާއަށާއި 5 ރުފިޔާއަށްވެސް ކަރާ ވިއްކި ކަމަށް ހަސަންބެ ބުނެއެވެ،
ހަސަންބެ ބުނީ ދަނޑުވެރިކަމުގެ މަސައްކަތް ފެށިއިރު ތަކެތީގެ އަގު ވަރަށް ހެޔޮ ކަމަށާއި ކާނާ ބަސްތާއެއްވެސް 35 ރުފިޔާއަސް ލިބުނު ނަމަވެސް މިހާރު ކާނާ ބަސްތާއެއްގެ އަގަކީ އެންމެ އަގުހެޔޮކޮށްވެސް 100 ރުފިޔާ ކަމަށެވެ. އެހެންނަމަވެސް އޭރާ އަޅާ ބަލާއިރު ތަކެތި ހައްދަން ގަންނަން ޖެހޭ އެއްޗެެހީގެ އަގު ބޮޑު ވިޔަސް ލިބޭ އާމްދަނީ މިހާރު ރަނގަޅު ކަމަށް ހަސަންބެ ވަނީ ބުނެފައެވެ.
ހަސަންބެ ބުނީ އޮށް ޕެކެޓް ލިބުމުގައި އަދިވެސް ދަތިތަކެއް ކުރިމަތިވާ ކަމަށާއި ރޯދައަށް އިންދަން ތައްޔާރުކުރި ބަޓާނާ ބަރަބޯ ނީންދި ލަސްވީވެސް އެހެންވެގެން ކަމަށެވެ.
ދަނޑުވެރިކަމާ ބެހޭ ކޯސްތައް ފުރިހަމަކޮށްފައިވާ ހަސަންބެގެ އެންމެ ބޮޑު ހުވަފެނަކީ ގްރީން ހައުސްއެއްގައި މަސައްކަތްކޮށްލުން!
ހަސަންބެއަކީ ހަނިމާދޫގައި ހުންނަ އެގްރިކަލްޓާ ސެންޓަރުން ކުމުންދޫއަށް ހުޅުވާލައިގެން ބޭއްވި ހުރިހާ ބައްދަލުވުމެއްގައި އެ ރަށަށް ގޮސްފައިވާ ދަނޑުވެރިއެކެވެ. ކުމުންދޫއަށް ފުރުސަތު ލިބުނު ހުރިހާ ކޯހެއްގައި ބައިވެރިވެ ހަނިމާދޫއަށް ގޮސް ހަސަންބެ ވަނީ އެ ކޯސްތައް ފުރިހަމަކޮށްފައެވެ. އެގޮތަށް ހިންގި ދަނޑުވެރިކަމާ ބެހޭ ކޯސްތަކާއި މެނޭޖުކުރުމާ ބެހޭ ކޯސްތައްވެސް ހަސަންބެ ވަނީ ފުރިހަމަކޮށްފައެވެ.
ހަސަންބެ ބުނީ އެ ކޯސްތައް ހެދުމުގެ ކުރިން އެ ތަކެތި ހައްދަން ގަންނަ އެއްޗެއްސާ ތަކެތި ވިއްކާ އަގުގެ އެއްވެސް ހިސާބެއް ނުބަލާ ކަމަށެވެ. އެ ތަކެތި ހައްދަން ގަތް އެއްޗެހީގެ އަގު ހަމަވިތޯ ނުވަތަ ނުވޭތޯވެސް ބަލާ ނުލާ ކަމަށް ހަސަންބެ ބުނެއެވެ. އެހެންނަމަވެސް އެ ކޯސްތަކަށްފަހު ކޮންމެ އެއްޗެއް ގަތަސް ވިއްކިޔަސް ފޮތުގައި ޖަހާ ކަމަށާއި މަސް ހަމަވުމުން އެއްކޮށް ހިސާބު ހަދާ ކަމަށް ހަސަންބެ ވަނީ ބުނެފައެވެ.
ދަނޑުތަކުގައި ޕަންޕު ބަހައްޓައިގެން މިހާރު ފެން ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު އެ ދަނޑުތަކަށް ކަރަންޓުލައިގެން އޭގެ ބޭނުން ހިފޭނެ ދުވަހަކީ ހަސަންބެ ދެކެން ބޭނުންވާ ދުވަހެކެވެ. އެހެންނަމަވެސް ހަސަންބެ އެންމެ ދެކެން ބޭނުންވަނީ ގްރީން ހައުސްއެއްގައި މަސައްކަތް ކުރަން ލިބޭ ދުވަހެވެ.
ހަސަންބެ ބުނީ ހަނިމާދޫއަށް ކޯސްތަކަށްދާން ފެށިފަހުން މިއަދާ ހަމައަށްވެސް ދައްކާ ވާހަކައަކީ އަދި އެންމެ ދެކެން ބޭނުންވާ ދުވަހަކީ ގްރީން ހައުސްއެއްގައި މީހުން ގޮވައިގެން މަސައްކަތް ކުރަން ލިބޭ ދުވަސް ކަމަށެވެ. އަދި އެއީ މިހާރު ހަސަންބެގެ އެންމެ ބޮޑު އުންމީދު ކަމަށްވެސް އޭނާ ބުނެއެވެ.
ހައްދާ ފަތްޕިލާވެލީގެ ބާވަތްތަކަށް ޖަހަނީ އަމިއްލައިން އުފައްދާ ބޭސް!
ހަސަންބެގެ ދަނޑުވެރިކަމުގެ މަސައްކަތުން ފާހަގަވި އެންމެ ތަފާތު އެއް ކަމަކީ އޭނާ ހައްދާ އެއްވެސް ބާވަތެއްގެ ފަތްޕިލާވެލީގެ ބާވަތަކަށް ބޭރުން އެތެރެ ކުރާ އެއްވެސް ކެމިކަލް ބޭހެއް ނުޖަހާ ކަމަށެވެ. ހަސަންބެ ބުނީ އެ ވާހަކަ އެހެން ބުނުމުން މީހުން ގަބޫލުނުކުރާ ކަމަށާއި ފަންޏާ އެއްޗެހި މަރަނީ ކިހިނެތްތޯ މީހުން ސުވާލުވެސް ކުރާ ކަމަށެވެ.
މިހާރު ވެސް ފަނި ކައިފަ ހުރި ގަސްތަކަށް އަމިއްލައިން އުފެއްދި ބޭސް ޖަހައިގެން އެކަން ހައްލުކޮށްފައިވާ ކަމަށް ހަސަންބެ ބުނެއެވެ. ހަސަންބެ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ބޭރުން ގެންނަ އެއްވެސް ބޭހެއް ނުޖެހިޔަސް ދެ އެއްޗެއް އެކުވެގެން ހަދައިފިނަމަ ކެމިކަލްއަށް ވާނެ ކަމަށެވެ.
ހަސަންބެ ބުނީ މީގެ ކުރިން ވަރަށް ގިނަ ވައްތަރުގެ ބޭސް ހަދައިގެން ޖެހި ކަމަށާއި އެކަމަކު މިހާރު އާންމުކޮށް ޖަހަނީ ދެ ވައްތަރެއްގެ ބޭސް ކަމަށެވެ. އެއީ ކޯކާ ކޯލާއާއި ބޭކިން ސޮޑާއާއި ހިތިފަތާއި ލޮނުމިދު ބޭނުންކޮށްގެން ހަދާފައިވާ ދެ ވައްތަރެއް ބޭހެއް ކަމަށް ހަސަންބެ ބުނެއެވެ.
ހަސަންބެ ބުނީ މީގެ ކުރިން ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ކުރީ އަނބިމީހާއާ ދެމީހުން އެކުގައި ކަމަށާއި އެހެންނަމަވެސް އަނބިމީހާ ބަލިވި ފަހުން އެ މަސައްކަތް ކުރަމުން އަންނަނީ އެކަނި ކަމަށެވެ. އަދި ހަސަންބެ އެ ހާލަތުގައި ހުރެއްޖެނަމަ އިތުރު މީހަކު ބޭނުމެއް ނުވާނެ ކަމަށާއި ބަރާބަރު އެއް މަސް ދުވަހުގެ ތެރޭގައި އެ ބޮޑު ދަނޑު އެއްކޮށް ފުރާލާނެ އޭނާ ބުނެއެވެ.
ދަނޑުވެރިކަމުގެ މަސައްކަތުގައި މި ބުޅާ ގޮވައިގެން 4 އަހަރު، އެހީތެރިވޭ!
ހަސަންބެގެ ދަނޑުން ބޭރު ބުޅަލެއް ފެނިގެން ސުވާލުކޮށްލުމުން އޭނާ ބުނީ އެއީ ކުޅުދުއްފުށީގައި އުޅޭ ދަރިއެއް ގެންގުޅުނު ބުޅަލެއް ކަމަށާއި ގެންގުޅެނީ ނަމެށްވެސް ކިޔައިގެން ކަމަށެވެ. އެ ބުޅަލަށް ކިޔަނީ "ޓޮމްބީއެއްތޯ ދޮންބީއެއް" ކަމަށް ހެމުންހެމުން ހަސަންބެ ކިޔައިދިނެވެ. ވަރަށް ބަސް އަހާނެ ކަމަށާއި ވާހަކަދައްކަން ޖެހޭނީ އިނގިރޭސިން ކަމަށްވެސް ހަސަންބެ ބުންޏެވެ.
ދަނޑުތަކުގައި ހައްދާ ތަކެއްޗަށް މީދަލުގެ އުނދަގޫ ޖެހޭ ވާހަކައަކީ އިއްޔެއަކު މިއަދަކު ދަނޑުވެރިން ދައްކާ ވާހަކައެއް ނޫނެވެ. މީދަލުގެ އުނދަގޫ ބޮޑުވެ ދަނޑުތަކަށް ލިބޭ ގެއްލުމުގެ ވާހަކަތަކާއި އެކަން ހައްލުކުރަން ދަނޑުވެރިން ގެންގުޅޭ އުކުޅުތަކުގެ ވާހަކަތަކަކީ ޒަމާނުންސުރެ އަޑުއިވޭ ވާހަކަތަކެވެ. ހަސަންބެގެ ދަނޑަށްވެސް މީދަލުގެ އުނދަގޫ ވަރަށް ބޮޑެވެ. ހަސަންބެގެ އުކުޅު ވަރަށްވެސް މޮޅެވެ. އެ ބުޅަލަކީ މީދާ ހިފަން ގެންގުޅޭ ބުޅަލެކެވެ.
ހަސަންބެ ބުނީ އިރުކޮޅަކާ މީދަލެއް ހިފައިގެން އައިސް ހަސަންބެއަށް މޫދަލުގެ ނަގުލާއި ތުން ދޭ ކަމަށާއި އެ ބުޅަލަކީ ވަރަށް ބަސްއަހާ، ދަނޑު ނަޖިސްކޮށް ނުހަދާ ބުޅަލެއް ކަމަށެވެ. އަދި އެ ބުޅާ ގެންގުޅެނީ ވަރަށް ލޯބިން ތާޒާ ކާނާ ދީގެން ކަމަށް ހަސަންބެ ވަނީ ބުނެފައެވެ.
މީގެ 4 އަހަރު ކުރިން ހަސަންބެ ގެންގުޅެން ފެށި އެ ބުޅާ މިހާރު ވިހައިގެން އިތުރު 4 ކުދި ކުދި ބުޅާވެސް އެބަ އޮތެވެ. ހަސަންބެ ބުނީ ބުޅާތައް ތިބޭނީ ދަނޑުގައި ހަދާފައި ހުރި ގޭގައި ކަމަށާއި ހަސަންބެ ދަނޑުގެ ކޮންމެ ތަނަކަށް ދިޔަސް ފަހަތުން އަންނާނެ ކަމަށެވެ.
ހަސަންބެ ބުނީ ކުރީގައި ކާޅުގެ އުނދަގޫވެސް ވަރަށް ބޮޑު ކަމަށާއި އެކަމާ ހެދި ގަސްތައް ގެންގުޅެން ޖެހެނީ ކަންވާރު ދާ އަޅައިގެން އަވި ނެޓު ޖަހައިގެން ބަންދު ކޮށްގެން ކަމަށެވެ. އަދި އޭގެ ބަދަލުގައި މިހާރު ދަމަނީ ބަރަނި ރޮދި ކަމަށާއި އެކަން ކުރަން ފެށުމުން ކާޅުގެ އުނދަގޫ ހައްލުވެފައިވާ ކަމަށާއި އޭގެ ކުރިން ކަންވާރު ދާ އިންޑިއާއިން ގަތުމަށް އަހަރަކު 110 ޑޮލަރު ހޭދަކުރާ ކަމަށް ހަސްންބެ ކިޔައިދިނެއެވެ.
ހަސަންބެ ބުނީ މިއީ ވަރަށް ތަރައްގީ ޒަމާނެއް ކަމަށާއި އަދިވެސް އަންނަނީ ތަހުޒީބުވަމުން ކަމަށެވެ. އެހެންކަމުން ހަސަންބެ ގަބޫލުކުރާ ގޮތުގައި ހަސަންބެމެން ކުރާ އުސޫލުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާކަށް ޒުވާނުން ބޭނުންނުވާނެ ކަމަށެވެ. އެހެންނަމަވެސް ރަށުގައި އާންމުކޮށް ތިބޭ ޒުވާނުންނާއި ރަށުގައި ތިބެ ވަޒީފާއަކަށް ދިޔަޔަސް ކެރިގެން ދަނޑުވެރިކަމުގެ މަސައްކަތް ކޮށްފިނަމަ ލިބޭ މުސާރައަށް ވުރެ ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ހަސަންބެ ބުނެއެވެ.