ގޭންގްތަކާއި މަސްތުވާތަކެތި ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގުމަށް ނިންމާފައިވާކަމަށާއި މިހާތަނަށް 3000 އަށް ވުރެ ގިނަ މީހުން ބަލާ ފާސް ކުރެވުނު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވެއްޖެއެވެ.
ސުޖާއު މިފަދައިން ވިދާޅުވެފައިވަނީ މިއަދު އެ މިނިސްޓްރީން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މި ފަސް އަހަރު އެންމެ އިސްކަމެއް ދީގެން ސްޓްރެޖިކް ޕްލޭނެއްގެ ދަށުން އެކި އަތޮޅުތަކުގައި 11 ފޯރަމެއް ހިންގާފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ރައްޔިތުން އެންމެ ކަންބޮޑުވާ ކަންކަމުގެ ހިޔާލު ހޯދޭނެކަމަށްވެސް ސުޖާއު ވަނީ ވިދާޅުވެފައެވެ.
ސުޖާއު ވިދާޅުވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ގޭންގުތަކުގެ އަމަލުތައް ހުއްޓުވުމަށްޓަކައި އޮޕަރޭޝަންސް ޑިޕާޓްމެންޓުން 3000 މީހުން ހުއްޓުވާ ބަލާ ފާސްކުރެވުނު ކަމަށާއި، 112 ވެހިކަލް ވެސް ހުއްޓުވިކަމަށެވެ. އަދި 11 ވެހިކަލެއް ޕޮލިހުގެ ބެލުމުގެ ދަށަށް ގެންދެވުނުކަމަށްވެސް ސުޖާއު ވަނީ ވިދާޅުވެފައެވެ.
ސުޖާއު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށްޓަކައި 113 އޮޕަރޭޝަނެއްވެސް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން ތުހުމަތު ކުރެވޭ ތަންތަން ބަލާ ފާސްކުރެވުނު ކަމަށާއި، ސަފާރީ އާއި ކަސްޓަމްސްގެ އިތުރުން ޕޯސްޓުވެސް ބަލާފައިވާކަމަށެވެ. މި އޮޕަރޭޝަނުގެ ދަށުން 92 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އެ ތަކެތި ނައްތާލުމުގެ މަސައްކަތް މި މަސް ތެރޭ ކުރާނެ ކަމަށްވެސް ސުޖާއު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މި އޮޕަރޭޝަނުގެ ދަށުން 300 އަށްވުރެ ގިނަ މީހުން ހައްޔަރު ކުރެވުނު ކަމަށާއި އޭގެތެރެއިން 16 ފަރާތަކީ ބިދޭސީންކަމަށްވެސް ސުޖާއުވަނީ ވިދާޅުވެފައެވެ. އަދި 24 ދިވެހިންނާއި 85 ބިދޭސީން މަސްތުވެފައި ތިބި ކަމުގެ ތުހުމަތުގައި ގެނެވުނު ކަމަށާއި އޭގެތެރެއިން 84 ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރެވުނު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޕޮލިހުން ހިންގާ މިފަދަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި އަންނަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހުން ހައްޔަރު ކުރަމުންނެވެ.