ތިލަފުށި ބިން ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދު ހިއްކައި ނިމިއްޖެއެވެ.
އެކަމާ ގުޅިގެން އެޗްޑީސީއިން ބުނީ ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް މިހާރު އެއްކޮން ނިންމާލާފައިވާ ކަމަށެވެ. އަދި މުޅި ޖުމްލަކޮށް 120 ހެކްޓަރ ވަނީ ހިއްކާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އޭރިއާ އީ ގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކަމަށް ވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެ ސަރަހައްދު ބިން ހިއްކާފައިވަނީ އެޗްޑީސީއިން ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެންނެވެ.
އެޗްޑީސީއިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ތަރައްގީއަށް އެ ކުންފުނިން ހިންގޭ މުހިއްމު މަޝްރޫއުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
މި މަޝްރޫއަކީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންގޮސްފައި މަަޝްރޫއެކެވެ.