ބޭރު ފައިސާ ލިބުން ދަތިވެ ރުފިޔާ އެކައުންޓްތަކުން ޑޮލަރު ނެރޭ ލިމިޓް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

އެކަމާ ގުޅިގެން ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު "ދަ ޕްރެސް" އަށް ވިދާޅުވީ ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް ދަނީ މުރާޖައާ ކުރަމުން ކަމަށެވެ.

މިހާތަނަށް ބޭންކުން ވަކި ލިމިޓެއް ކަނޑަނާޅާ ކަމަށާއި އާ ލިމިޓަކަށް އަމަލުކުރަން ފަށާނެ ތާރީހެއްވެސް އަދި މިހާތަނަށް ކަނޑައަޅާފައި ނުވާ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ޑޮލަރު ނެގޭ ލިމިޓް 225 އަށް ބަދަލުކުރުމަށްފަހު ހާލަތަށް ބަދަލު ނައިސްފި ކަމަށްވަނީ ނަމަ 25 އަށް ތިރިކުރަން ރާވާފައިވާ ކަމަށް ބުނެ ބައެެއް މަސްދަރުތަކުގައި ރިޕޯޓުކުރަމުންދިޔަ ނަމަވެސް އެކަން ބީއެމްއެލްއިން ހާމަކޮށްފައެއް ނުވެއެވެ.

ބީއެމްއެލް ކާޑުތަކުން މިހާރު ބޭރުގެ ވިޔަފާރު ކުރުމަށް ޑެބިޓް ކާޑު ބޭނުން ކުރެވެނީ މަހަކު 250 ޑޮލަރު ކަމަށްވާއިރު ކްރެޑިޓް ކާޑު ލިމިޓަކީ 750 ޑޮލަރެވެ. އަދި ޑޮލަރު ތާށިކަން ބޮޑުވެފައިވާ ވީނަމަވެސް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް އެ ކުއްޖެއްގެ ކާޑުުން 1200 ޑޮލަރު ނެގޭ ގޮތަށް އިތުރުކުރުމަށް ނިންމިއެވެ.