ދައުރުވަމުންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ފްލެޓް ލިސްޓެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީއިން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭ ގޮތުން އޭސީސީއަށް ހުށަހެޅި ތަހުގީގުކުރަމުންގެންދާ މައްސަލާގައި އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންގެންދަނީ އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫން ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޝަނުން ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތަހުގީގުގެ ބޭނުމަށް ތައްޔާރު ކުރެވިފައިވާ ލިސްޓެއްގެ މައުލޫމަތު މިހާތަނަށް ކޮމިޝަނުން ހިއްސާކޮށްފައިވާނީ ހައުސިން މިނިސްޓްރީގެ އިތުރުން ކޮމިޝަނުގެ ގާނޫނުގެ 1-28 ވަނަ މާއްދާއިން ކޮމިޝަނުން ޖަވާބުދާރީވާންޖެހޭ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާ އެކަނި ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.
އޭސީސީއިން ބުނީ އެ މައްސަލައާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަހުގީގުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ ތަފުސީލު ހިއްސާކޮށްފައިވާނެ ކަމަށާއި އެއްވެސް ފަރާތަކަށް އެ މައްސަލައާ ގުޅޭ މައުލޫމާތެއް ނުވަތަ ލިޔުމެއް ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްވެސް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.
އާންމު ރައްޔިތުންނާ ގުޅުންހުރި އެ ފަދަ ހައްސާސީ މައްސަލައެއްގައި އެ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު ޒިންމާދާރުކަން ކުޑަ ކަމަކަށްވާތީ އެކަމާ މެދު އޭސީސީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭސީސީއިން ބުނީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި އާންމުންނަށް ދޭންޖެހޭ މައުލޫމާތު ކޮމިޝަނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުންނާއި ނޫސްތަކަށް ރަސްމީކޮށް މައުލޫމާތު ދީގެން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
އޭސީސީއިން އިތުރަށް ބުނީ ކޮމިޝަނުގެ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ ނުވަތަ ފަރާތެއްގެ އެއްވެސް މިންވަރެއްގެ އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށާއި ކޮމިޝަނުގެ އެންމެ މަތީ މަސްލަހަތަކީ ގާނޫނު ނަގަހައްޓައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށެވެ.
ދައުރުވަނީ ހަމަރަގަޅުއެއްޗެއް މިހާރު އޭސީސީ އޮތީ އަދަނގޮޑީ ގައި
2018 ގަ މުއިއްޒު ބެހި ފުލެޓް ތަކުގެ މައްސަލަ ތައް ބަލަން ކެރިދާނެ އޭސީސީ އައް ؟