ދިވެހިރާއްޖޭގެ ތަރައްގީގައި އަންހެނުންނަކީ މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިފަދައިން ވިދާޅުވެފައިވަނީ ނުވަވަނަ އިންޓަނޭޝަނަލް ޑޭ އޮފް ވިމެންސް އެންޑް ގާރލްސް އިން ސައިންސް އެސެމްބްލީއަށް މިއަދު ފޮނުއްވި މެސެޖުގައެވެ. މެޑަމް ސާޖިދާ ވިދާޅުވީ ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްތައް މިހާރުވެސް ކުރެވެމުން ދާކަމަށާއި އިޖުތިމާއީ އަދި ސިޔާސީ ކަންކަމުގައިވެސް އަންހެނުން ބާރުވެރި ކުރުވުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތަރައްގީގައި އަންހެނުންނަކީ މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށްވެސް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޓެކްނޮލޮޖީއާއި ވިޔަފާރީގެ ދާއިރާގައިވެސް ގާބިލު އަންހެނުން އުފެއްދުމަށް ޓްރެއިނިން ސެޝަންތައްވެސް ބާއްވާނެކަމަށާއި މިކަމުގެ ސަބަބުން އަންހެނުންނާއި އަދި ފިރިހެނުންގެ ދެމެދު އޮތް ޖިންސީ ތަފާތުކުރުން ނައްތާލެވޭނެކަމަށް އުންމީދުކުރާކަމަށެވެ.
މިހާރުވެސް ސައިންސާއި ޓެކްނޮލީޖެ ދާއިރާގައި ފިރިހެނުންނަށް ވުރެ ގިނައީ އަންހެނުންކަން ފާހަގަކުރައްވާ މެޑަމް ސާޖިދާ ވަނީ ދިމާވާ ދަތިތަކާއި ހިތްވަރާއެކު ކުރިމަތިލާ ކާމިޔާބީއަށް ވާސިލުވުމަށް އަޒުމު ކަނޑައެޅުމަށް އަންހެނުންނަށް ގޮވާލާފައެވެ. އަދި ކުރިއަށް އޮތް ޖީލުތަށްވެސް ސައިންސް އާއި ޓެކްނޮލޮޖީގެ ދާއިރާއަށް އަހުލުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ސާޖިދާ ވަނީ އެއީ ގައުމުގެ މުސްތަގުބަލް މާދަމާ ބިނާ ކުރަން ތިބި ކުދިންކަމަށް ވިދާޅުވެފައެވެ.
އަންހެނުން އެކިއެކި ދާއިރާތަކުގައި ބާރުވެރިކުރުވުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެއްވެސް މެއެވެ.