މާޗް މަހާއި އޭޕްރީލް މަހު މުއްދަތް ހަމަވާ ދެ ވައްތަރެއްގެ ކޭކް މިކްސްއެއް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ބުނީ 'ބެޓީ ކްރޮކާ ސުޕާ މޮއިސްޓް ކޭކް މިކްސް، ޗޮކްލެޓް ފަޖް' ޕެކެޓުގައި އުކުނު ހުރިކަމަށް ބުނެ އާންމު ފަރާތަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެކަން ބަލާ ފާސްކޮށް، އެ އުފެއްދުމުގެ ސާމްޕަލްތަކެއް މާލޭގެ ބާޒާރުން ނަގާ ތަހުލީލުކުރި ކަމަށެވެ.

އެ ތަހުލީލުތަކުން ދައްކާ ގޮތުން އެ ސާމްޕަލްތަކުގައި 'ލަމްޕްސް' ނުވަތަ ގަނޑުލާފައިހުރުމުގެ އިތުރުން ބައެއް ސާމްޕަލްތައް އުކުނު ފަދަ ކުދި ދިރޭ ސޫފިތަކަކުން ތަޣައްޔަރުވެފައިވާ ކަމަށާއި އެހެންކަމުން އެތަކެއްޗަކީ ކެއުމަށް ރައްކާތެރި ތަކެތި ނޫން ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭއިން ބުނީ އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބެޓީ ކްރޮކާ ސުޕާ މޮއިސްޓް ކޭކް މިކްސް، ޗޮކްލެޓް ފަޖް އަދި ބެޓީ ކްރޮކާ ސުޕާ މޮއިސްޓް މިލްކް ޗޮކްލެޓް ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އަންގާ ކަމަށެވެ.

އެ އުފެއްދުންތަކުގެ ތެރެއިން ބޭނުން ނުކުރުމާއި ނުވިއްކުމަށް އަންގާފައިވަނީ:

  • އަންނަ މާޗް މަހުގެ 18 އަށް މުއްދަތް ހަމަވާ ބެޓީ ކްރޮކަރ ސުޕަރ މޮއިސްޓް ކޭކް މިކްސް، ޗޮކްލެޓް ފަޖް
  • އަންނަ އޭޕްރީލް މަހުގެ 13 އަށް ބެޓީ ކްރޮކަރ ސުޕަރ މޮއިސްޓް މިލްކް ޗޮކްލެޓް

އެމްއެފްޑީއޭއިން އިތުރަށް ބުނީ އެ ތަކެއްޗަކީ ބެޓީ ކްރޮކާ ބްރޭންޑްގެ ތަކެތި ކަމަށާއި އެ ތަކެތީގެ ބަރުދަނީ 432 ގްރާމް ކަމަށެވެ.