އިންޑިއާގައި ބައިމަދު މުސްލިމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި އުތުރު ބިތުގެ ސިޓީއެއް ކަމަށް ވާ އުއްތަރްކާންދުގައި މިސްކިތެއް ތަޅާލައި ދީނީ މަރަދުސާއެއްގެ އިމާރާތެއް ތަޅާލައިފިއެވެ.
އުއްތަރުކާންދުގެ ހަލްދަމާނީގައި މި އަމަލު ހިންގާފައި ވަނީ އެތަނުގެ މުނިސިޕަލް އޮފީހުންނެވެ. މިއާއެކު މުސްލިމުން ރުޅިއައިސް މަގުތަކަށް ނިކުތުމާއެކު ހިނގި ހަމަނުޖެހުމުގައި ބައެއް ބެހިކަލްތަކުގައި ރޯކޮށް އަދި ބައެއް ތަކެއްޗާއި ތަންތަނަށް ގެއްލުން ދީފައި ވާއިރު ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމުގައި 5 މީހަކު މަރުވެފައި ވެސް ވެއެވެ.
ހަލްދަވާނީގެ މުނިސިޕަލް އޮފީހުން ބުނެފައި ވަނީ މިސްކިތާއި މަދަރުސާ ހަދާފައި ހުރީ ގަވައިދާ ހިލާފަށް ކަމަށެވެ. އެހެން ބުނެ ބުލްޑޯޒަރު ނެރެ އެތަންތަން ތަޅާލީއެވެ.
އާންމުން ފުލުހުންނާ ކުރިމަތިލައި އޮއްގަލާއި އެކި ޒާތުގެ ތަކެތި އުކާފައިވާ އިރު ފުލުހުން އެމީހުންގެ ގަޔަށް އަމާޒު ކޮށް ކަރުނަގޭހާއި ލައިވް ވަޒަން ޖެހި ކަމަށް ހަބަރުތައް ބުނެއެވެ.
މިހާދިސާގައި މަރުވި މީހުންގެ އިތުރުން އެތައް ބަޔަކު ޒަހަމްވި އިރު ފުލުހުންގެ ތެރެއިންވެސް ބައެއް މީހުން ޒަހަމްވެގެން ފަރުވާ ދޭން ޖެހުނު ކަމަށް އެ ސިޓީގެ ފޮލިސް ސްޓޭޝަނުން ބުނެފައި ވެއެވެ.
ހަލްދަވާނީގެ މެޖިސްޓްރޭޓް ވަންދަނާ ސިންގް އާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ, ހަމަނުޖެހުން ހިނގީ ރަޖިސްޓާ ނުކޮށް އަދި އެއްވެސް ހައިސިއްޔަތެއް ނެތި ހިންގާ ދީނީ އެފަދަ ތަންތަން ނައްތާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެތަންތަން ނައްތާލަން އުޅުމުން ކަމަށެވެ. އަދި އޭނާ އިތުރަށް ބުނެފައި ވަނީ, "ބައެއް މީހުން އެތަންތަނަށް މަދަރުސާ ކިޔަނީ" ކަމަށެވެ.
ނަމަވެސް އެ އަވަށުގެ ބައެއް އާންމުން ބުނެފައި ވަނީ ސަރުކާރުން ތަޅާލި ތަންތަނަކީ 20 އަކަށް އަހަރުވެފައި ވާ ތަންތަން ކަމަށާއި, އެތަންތަން ނަގަން ސަރުކާރުން ކުރަމުން ދާ މަސައްކަތާ ދެކޮޅަށް ކޯޓުގައި މައްސަލަ އޮއްވާ އަދި އެ މައްސަލައިގެ އަޑުއެހުން މިމަހުގެ 14 އަށް ތާވަލު ކޮށްފައި އޮތް ތަންތަން ކަމަށެވެ.
އަދި މިހާދިސާގައި ފުލުހުން ބަޑިޖެހުމުން މަރުވި މީހުންނަކީ މުސްލިމުން ކަމަށް ވެސް ބުނެފައި ވެއެވެ.
މި ހަމަނުޖެހުމާއެކު ހަލްދަވާނީގައި ކާފިއު އިއުލާން ކޮށް, ކާފިއު އާ ދެކޮޅަށް ހަރަކާތްތެރިވާ މީހުންގެ ގަޔަށް ވަގުތުން ބަޑިޖެހުމުގެ އޯޑަރެއް ވެސް ނެރެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
އުއްތަރްކާންދުގެ ޗީފް މިނިސްޓަރު ޕުޝްކާރް ސިންގް ދާމީ އާ ހަވާލާދީ ރިޕޯޓުތައް ބުނެފައި ވާގޮތުން, މުޒާހަރާކޮށް އަދި ހަރުކަށިކަން ދައްކާ މީހުންނާ މެދު ވަގުތުން ހަރުކަށި ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ.
މިއަހަރުގެ ޖެނުއަރީ މަހުވެސް މި ސަރަހައްދުގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައި ވެއެވެ. އެ ހަމަނުޖެހުން ހިނގީ އޭރު އެސަރަހައްދުގައި ދިރިއުޅުނު މުސްލިމުންގެ 4000 ގެއެއް ސަރުކާރުން ނިކުމެ ބުލްޑޯޒަރު އަޅާ ހަލާލުކޮށްލި މައްސަލައިގައެވެ. ސަރުކާރުން ބުނަނީ އެ ގެތައް ހަދާފައި ވަނީ ސަރުކާރުގެ ރެއިލްވޭ އަށް ދޫކޮށްފައިވާ ބިމެއްގައި ގަވާއިދާ ހިލާފަށް ކަމަށެވެ. އެ ހާދިސާގައި 50,000 އެއްހާ މީހުންގެ ގޮދޮރު ގެއްލި މަގުމަތިވިއެވެ.
އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެރިކަމާ ހަވާލުވެވަޑައިގަން ފަހުން އެ ޕާޓީއަށް ނިސްބަތްވާ ހަރުކަށި ހިންދޫން ގެންދަނީ ސިލްސިލާކޮށް މުސްލިމުންނަށް އަމާޒުކޮށް އެކިއެކި ދުއްތުރާ ކުރަމުންނެވެ. އެގޮތުން މުސްލިމުންގެ ގެދޮރަށް ގެއްލުން ދިނުމާއި އަޅުކަމަށް ބޭނުން ކުރާ އިމާރާތްތަކާއި މިސްކިތްތައް ހަލާކު ކުރުމުގެ ސިލްސިލާއެއް ވަނީ ފަށާފައެވެ.
ދާދި ފަހު މިދިޔަ މަހުގެ ތެރޭގައި މޯދީ ވަނީ, 16 ވަނަ ގަރުމުގައި މުގަލް އެމްޕަރާ އިމާރާތް ކުރި ބާބްރީ މިސްކިތް ތަޅާލި ތަނުގައި އިމާރާތް ކުރި ފައްޅި ހުޅުވައިދެއްވާފައެވެ. އެއަށް ފަހު ހަމަ އެ މުއްދަތުގެ ތެރޭގައި މުގަލް އެމްޕަރާ ވަރަނަސީގައި ބިނާ ކުރި މިސްކިތާ ދިމާކޮށް, އެއީ ހިންދޫންގެ މުގައްދަސް ތަނެއްގައި އިމާރާތް ކޮށްފައި ހުރި މިސްކިތެއް ކަމަށް ބުނެ ކޯޓަށް ގޮސް މިހާރު ވަނީ އެ މިސްކިތުގެ ތިރީބައި [ބިންގަރާހުގައި] ހިންދޫންނަށް އަޅުކަން ކުރެވޭ ގޮތަށް އަދި މަތީ ބުރިތަކުގައި މުސްލިމުންނަށް އަޅުކަން ކުރެވޭގޮތަށް ކޯޓު އަމުރެއް ހޯދާފައެވެ.