ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތިމަރަފުށީ ދާއިރާއަށް ޕްރޮގްރެސިވް ކޯލިޝަނުގެ ކެންޑިޑޭޓަކު ހުއްޓައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވަނީ މިހާރު އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒަށް ކަމަށް ރައީސް އޮފީހުގެ ދެ މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް އަހުމަދު ރިޔާޒު ވާދަ ކުރަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
ޑރ. މުއިއްޒު ތާއީދު ކުރައްވާ ކެންޑިޑޭޓަކީ ރިޔާޒް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމަށްވާ އާދަމް ރަމީޒު އަދި އަބްދުﷲ ނާސިރު ވާހަކަ ދައްކަވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. އެ ދެ މިނިސްޓަރުންނަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި މުއިއްޒު ހުންނެވި ދުވަސްވަރު ވެސް އެމަނިކުފާނާ ވަރަށް ގާތް ގުޅުމެއް އޮތް ދެ ބޭފުޅުންނެވެ.
އެ ވީޑިއޯގައި އެ ދެ މިނިސްޓަރުންގެ އަރިހުގައި މިހާރުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އިންނަވާ ތަން ވެސް ފެނެއެވެ. މިނިސްޓަރުން ދައްކަވާ ވާހަކައިގެ އަޑުވެސް ވަރަށް ސާފުކޮށް އެ ވީޑިއޯއިން އިވޭ އިރު، އެބޭފުޅުން ވިދާޅުވީ، ސަރުކާރުގެ ކެންޑިޑޭޓަކީ ރިޔާޒު ކަމަށާއި ރައީސް މުއިއްޒު ވަނީ އެ ޔަގީންކަން ދެއްވާފައި ކަމަށެވެ. މީގެ އިތުރުން ތިމަރަފުށީ ކައުންސިލް ބައްދަލުވުމުގައި ރައީސް ތާއީދު ކުރައްވަނީ ރިޔާޒަށް ކަން ދަންނަވާނެ ކަމަށާއި ސަނާހުއަށް ގުޅާފައި ކެމްޕެއިން ހަރަކާތްތައް ހުއްޓާލަން އެދިވަޑައިގެންފައި ވެސް ވާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
މިހާރު ރައީސްގެ ކެންޑިޑޭޓަކީ ރިޔާޒްކަން ވަރަށް ސާފު ކަމަށާއި އެބޭފުޅުންގެ ފަރާތްޕުޅުން ވެސް ޔަގީންކަން ދެއްވާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. އަދި އެ ދާއިރާގެ ހުރިހާ ކަމެއް ދެން ކުރިއަށް ދާނީ ރިޔާޒު [މެންބަރު ރިޔާޒުގެ ބޭބެ]ގެ ބެލުމުގެ ދަށުން ކަމަށާއި ރައީސް އޮފީހާ ކޯޑިނޭޓް ކޮށްގެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ރައީސް އަންގަވާފައިވާ ކަމަށް ވެސް މިނިސްޓަރުން ވިދާޅުވެއެވެ.
ޕްރައިމަރީއަކާ ނުލައި ޕީއެންސީގެ ޓިކެޓް ތިމަރަފުށީ ދާއިރާއިން ދީފައިވަނީ ރައީސް މުއިއްޒުގެ ކުރީގެ ޕާސަނަލް އެސިސްޓަންޓު އިބްރާހިމް ސަނާހު (ސަންޓޯ) އަށެވެ. ސަންޓޯއަށް ޓިކެޓް ދީފައި ވަނީ އެ ދއިރާއަށް އޭނާގެ އިތުރުން އިތުރު މީހަކު ކުރިމަތި ލާފައި ނުވާތީއެވެ.