އިއްޔެ ކުޅުނު އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި ހަމަނުޖެހުން ހިންގާ ހުއްޓާލި މެޗު އަލުން ކުޅެން ކުޑަ ހެންވޭރުން ބޭނުން ނުވުމުން ވިކްޓަރީ ސެމީއަށް ގޮސްފިއެވެ.
މުބާރާތުގެ ކަންކަން ހިންގާ ކޮމިޓީއިން ނިންމީ ހުއްޓާލި މެޗުގައި ނުކުޅެވި އޮތް 8 މިނަޓުގެ ކުޅުން މާދަން ހަވީރު އަލުން ކުޅޭގޮތަށެވެ. އަދި އެ މެޗަށް ސަޕޯޓަރުންނަށް ދަނޑަށް ވަނުން މަނާވާނެ ކަމަށްވެސް ކޮމެޓީގެ ނިންމުމުގައި ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް ކުޑަހެންވޭރުން ވަނީ މެޗު ކުޅެން ބޭނުން ނުވާކަން ހާމަކޮށް އެފްއޭއެމް އަށް ސިޓީއެއް ފޮނުވާފައިއެވެ. އެހެންކަމުން އެފްއޭއެމުން ނިންމީ މެޗު ހުއްޓާލި އިރު އޮތް ނަތީޖާ 3-1 ން ވިކްޓަރީ މޮޅުވެފައިވާ ކަމަށެވެ.
މެޗުގައި ވިކްޓަރީއިން ވަނީ ފުރަތަަމަ ހާފުގެ ކުރީކޮޅުގައި ދެ ގޯލު ޖަހާފައެވެ. މި ދެ ގޯލް އެ ޓީމަށް ޖަހައިދީފައި ވަނީ އެ ޓީމުގެ މުހައްމަދު އުމެއިރު އަދި ފާރޫކް ހައިދަރޯފްއެވެ. ކުޑަ ހެންވޭރަށް ޖެހުނު ލަނޑު ކާމިޔާބުކޮށް ދިނީ އެ ޓީމުގެ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.
މެޗު ހުއްޓާލަން ޖެހުނީ ވިކްޓަރީގެ ބެންޗާ ދިމާލުން ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ އަނަޓޮލީ ވްލަޝިޗޭވް އަށް ހަމާލާ ދޭން ކުޑަހެންވޭރަށް ސަޕޯޓް ކުރަން ތިބި ބަޔަކު ދަނޑަށް އަރުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އަނަޓޮލީ ކުރި ފައުލަކާ ރަތްކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ރެފްރީ ދެއްކުމުންނެވެ.
މި ހަމަނުޖެހުމުގެ ތެރެއިން މީހަކު ވަނީ ވިކްޓަރީގެ ކޯޗު ސޮބާހުގެ މޫނުމަތީ ގޮށްމުށުން ޖަހައި އޭނާގެ އަނގަމަތިވެސް ފަޅާލާފައެވެ. މި މައްސަލަ ވަނީ ފުލުހުން ތަހުގީގުކުރަން ފަށާފައެވެ. ނަމަވެސް އަދި އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ކުޑަހެންވޭރުން މެޗު އަލުން ކުޅެން ބޭނުންނުވުމުން ސެމީގައި ވިކްޓަރީ ކުޅޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. މި މެޗުން މޮޅުވާ ޓީމަކަށް އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ޖާގަ ލިބިގެންދާނެއެވެ.