އިންޑިއާގައި ބާއްވަން ތައްޔާރުވަމުން ދާ އާންމު އިންތިހާބުގެ ކެމްޕެއިން ފޯރި ހިފަމުން އަންނަ އިރު، މޯދީ ސަރުކާރުގެ "ވައިޓް ޕޭޕާ" އާ ދެކޮޅަށް އިދިކޮޅުން "ބްލެކް ޕެޕާ" ނެރެފިއެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުގައި އިންޑިއާގެ އިގުތިސޯދު ހީނަރުވެފައި ވާ ކަމަށާއި ބޭއިންސާފު އާންމު ވެ، އަންހެނުންނާ މެދު ހިންގާ ޖަރީމާތައް އިތުރުވެ ބައިމަދު ދަރިކޮޅުތަކާ މެދު އިހުމާލުވެފައި ވާ ކަމަށް އެ ޕޭޕަރުގައި އިދިކޮޅުން ބުނެފައި ވެއެވެ.

"10 ސާލް އަންޔާ ކާލް" [ނާއިންސާފުގައި 10 އަަހަރު] ނަމުގައި އާންމު ކުރި ޕޭޕަރުގައި އިންޑިއާގެ ހާލަތު އެކިއެކި ދާއިރާތަކުން ދަށަށް ގޮސްފައި ވާ މިންވަރުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ. އިގުތިސޯދު ހީނަރުވެގެން ދިޔުމުގެ އިތުރުން ވަޒީފާ ނެތް މީހުންގެ އަދަދުތައް އިތުރުވެގެން ދިޔުމާއި ދަނޑުވެރިކަމުގެ ދާއިރާ މުޅިން ވީރާނާވެގެން ދިޔުން ފަދަ ކަންކަން ހިމަނާފައި ވެއެވެ. އަދި އަންހެނުންނާ މެދު ހިންގާ ލާއިންސާނީ ޖަރީމާތައް އިތުރުވެގެން ދިޔުމާއި އިންޑިއާގައި ބައިމަދު ދަރިކޮޅުތަކަށް މޯދީގެ ސަރުކާރުން ޖެއްސުން ކުރުމައި އެކަހެރި ކުރުމަށް ހިންގާ ކަންކަންވެސް ހިމަނާފައި ވެއެވެ.

މި ޕޭޕާރު ނެރުމާއެކު މޯދީ ވިދާޅުވީ، އެއީ "ކާލާ ޓީކާ" [ނުބައި ލޯތަކުން ރައްކާތެރިކޮށް ދޭ ކަމަށް ގަބޫލުކުރާ ގަބޫލުރުމުގެ ތެރެއިން އިންޑިއާގައި ބުނެ އުޅޭ ބަހެއް] ކަމަށާއި ސަރުކާރުން ކުރާ ރަނގަޅު ކަންތައްތަކަށް ނުބައި ލޯތަކުގެ ހިޔަނި އެޅުނަ ނުދިނުމަށް ކުރި ކަމެއް ކަމަށެވެ. އެހެން ކަމުން ކޮންގްރެސް ޕާޓީގެ ރައީސް މަލިކްއަރުޖުން ކަރްގޭ އަށް ޝުކުރު އަދާކުރައްވާ ކަމަށް މޯދީ ވިދާޅުވެ ހުޝާމަދުގެ ބަސްތައް ރައްދުކުރެއްވިއެވެ.

އިދިކޮޅުން ނެރުނު ބްކްލެޓްގެ ތީމް ގުޅުވާލާފައި ވަނީ އެ ޕާޓީގެ ލީޑަރު ރާހޫލް ގާނދީ މިހާރު ފައްޓަވާފައި ވާ 'ބާރަތް ޖޯޅޯ ޔަތްރާ" ކެމްޕެއިންގެ ޝިއާރުތަކާ އެއްގޮތަށެވެ.

މި ބްކްލެޓް ނެރުއްވާ ދެއްވަމުން ކޮންގްރެސްގެ ރައީސް ކަރްގޭ ވިދާޅުވީ، އިންޑިއާގެ މިހާރުގެ ރައީސް ޑްރޯޕަޑީ މުރުމޫއަށް ފާޑުވިދާޅު ނުވާ ކަމަށާއި ނަމަވެސް އެ މަގާމަށް މީގެ ކުރިން ވަޑައިގެންނެވި އިލްމީ ބޭފުޅެއް ކަމަށް ވާ ކޭއާރް ނަރަޔާނަން ފަދަ ބޭފުޅުންނަށް ފާޑުވިދާޅުވާނެ ކަމަށެވެ. މިހާރު ވެރިކަމުގައި ހުންނެވި މުރުމޫ އަކީ އިންޑިއާގެ މުސްކުޅި ދަރިކޮޅަކަށް ނިސްބަތްވާ ބޭފުޅެކެވެ.

ކަރްގޭ ވިދާޅުވީ، ހަމައެފަދައިން ބީޖެޕީގެ ސަރުކާރަށް ފާޑުކިޔަން ޖެހޭ ކަމަށާއި، ސަރުކާރުން އެކަށީގެންވާ މިންވަރަކާ ގާތަށް ވެސް ވަޒީފާ ނުއުފެއްދޭ އިރު ޕްރައިވެޓް ސެކްޓާތަކަށް ދޫކުރާ ބޮޑެތި ލޯނުތަކުންވެސް ވަޒީފާގެ ފުރުސަތު އާންމު ރައްޔިތުންނަށް ފަހިވެގެން ނުދާ ކަމަށެވެ.

ކޮންގެރެސް އިން ތުހުމަތު ކުރާ ގޮތުގައި، އެކިއެކި އެޖެންސީތައް މެދުވެރިކޮށް ސަރުކާރުން އާންމު އެކިއެކި ފަރާތްތަކަށް ބިރު ދައްކައިގެން ފައިސާ ހޯދައެވެ. އަދި އެފަދަ ފައިސާގެ ސަބަބުން ގައުމުގެ ޑިމޮކްރަރީ ހަލާކުވެގެން ދާކަމަށް ވެސް ތުހުމަތު ކޮށްފައި ވެއެވެ. އެގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި ނުފޫޒާއި ފައިސާ ބޭނުން ކޮށްގެން 411 އެމްޕީ [އެމްއެލްއޭ] އެއް ގަނެ ފަޅި ބަދަލު ކުރުވާފައި ވާ ކަމަށާއި އެކަން ކުރަނީ ބާރާއި ނުފޫޒު ހޯދާ ސަރަހައްދީ ވެރިކަން ބަދަލު ކޮށްލުމަށް ކަމަށެވެ. އިންޑިއާ އަކީ ފެޑެރަލް ސިސްޓަމެއްގައި ސަރަހައްދީ ސަރުކާރުތަކެއްގެ މައްޗަށް ހިންގާ ޕާލިމެންޓަރި ދައުލަތެކެވެ. އެ ފަދަ ދައުލަތުތަކުގައި މައި ސަރުކާރެއް އޮތަސް އެކިއެކި ސަރަހައްދުތަކުގައި ހިންގަމުން ދާނީ އެ ސަރަހައްދަކަށް ކަނޑައަޅާފައި އޮންނަ ސަރުކާރަކުންނެވެ. އެފަދަ ދައުލަތްތަކުގައި ސަރަހައްދީ ސަރުކާރުތަކުން ވަކި އަސާސީއަކާއި ގަވައިދުތަކާއި އުސޫލުތައް އަދި އަމްރު މައުރޫފް ހިންގުމުގެ ބާރު ލިބިދީފައި އޮވެއެވެ.