އިންޑިއާގެ އަޔޯދިޔާ ގައި ހުރި ޝާބްރީ މިސްކިތް ތަޅާލައި އެތާނގައި މާސިންގާ ފައްޅިއެއް އެޅުމަށް ފަހު އިހަށްދުވަހު ހުޅުވާފައި ވާ އިރު މިހާރު އިންޑިއާ ސަރުކާރުގެ ލޯ ހުރީ އަލަހްބާދުގެ ވަރަނާސީގައި ހުންނަ މިސްކިތަށެވެ.
"ބަޔާންވަޕީ" މިސްކިތަކީ, ޖެހިގެން ހިންދޫން އަޅުކަންކުރާ މާސިންގާ ފައްޅިއެއް ހުންނަ މިސްކިތެކެވެ. 16 ވަނަ ގަރުނުގެ ތެރޭގައި ހަދާފައި ވާ މި މިސްކިތަކީ އެ ފައްޅީގެ ބައެއްގައި ހަދާފައި ހުރި މިސްކިތެއް ކަމަށް ބުނެއެވެ. އެއީ މުގަލް އެމްޕަރާ ނުވަތަ ރަސްގެފާނުގެ ވެރިކަމުގައި ހިނގާފައިވާ ކަމެއް ކަމަށް ވެސް ބުނެއެވެ.
މި މިސްކިތާއި ފައްޅި ޖެހިޖެހިގެން ހުންނަ އިރު އެސަރަހައްދާ އިންވެގެން އޮންނަ ގަންގާ ކޯރާއި އަދި ވަށައިގެންވާ ސަރަހައްދު ހިފާފައި ވަނީ ހިންދޫންނެވެ. އެމީހުން މުޅި ސަރަހައްދު އޮރެންޖް ކުލައިން ޒީނަތްތެރި ކޮށް, ދުން އަޅާ, އެމީހުންގެ ދީނީ އަޅުކަމާ ގުޅޭ އަންބާތައް ކިޔާ, މަރުވާ މީހުން އަންދާ ވަހުން މުޅި ސަރަހައްދު އޮންނަނީ އެއްވަސް ވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ގަބޫލުކުރުންތަކުގެ ތެރޭގައި ހިންދޫން ދައުވާ ކުރަމުން ދަނީ އެ މިސްކިތަކީ ފައްޅީގެ ބައެއް ކަމަށާއި އެތަނުގައި ހިންދޫންނަށް އަޅުކަން ކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ. އެއާއެކު ހިންދޫންގެ ބަޔަކު މިސްކިތް ހުންނަ އަލަހްބާދު ކޯޓަށް ގޮސް މިހާރު ވަނީ މިސްކިތުގެ އަޑީބައި [ބިންގަރާހެއްގެ ގޮތުގައި ބޭނުން ކުރާ ބައި[ ގައި އަޅުކަން ކުރުމަށް ކޯޓު އަމުރެއް ހޯދާ ދައުވާ ކުރި މައްސަލަ ކާމިޔާބު ކޮށްފައެވެ.
އެއާއެކު ހިންދޫންގެ އެތައްހާސް ބަޔަކު މިސްކިތަށް ވަދެ ދުން މުޖުރާން މަތުރާ އަޅުކަން ފަށާފައި ވާ އިރު މުސްލިންމުންނާއި ހިންދޫންނާއި ދެމެދު ނުތަނަވަސްކަން ބޮޑުވަމުން ދާތީ ފޯރުމަރަށް ފުލުހުންވެސް ވަނީ ނެރެފައެވެ.
މި މައްސަލައިގައި މުސްލިމް ޖަމާއަތްތަކުން އަލަހްބާދުގެ ހައިކޯޓަށް މިހާރު ގޮސްފައި ވާ އިރު މިއަދަށް ތާވަލު ކުރި އަޑުއެހުން މިހާރު ވަނީ މިމަހުގެ 12 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
މުސްލިމުންގެ ބައެއް ލޯޔަރުންނާ ހަވާލާދީ ހަބަރުތަކުން ބުނާ ގޮތުން, ކޯޓުތަކާއި ފުލުހުންނާއި އެހެނިހެން ނުފޫޒުތައް ހުރީ ބީޖޭޕީ ސަރުކާރާއެކު ކަމަށް ވުމާއެކު މުސްލިމުންނަށް އިންސާފު ލިބުމަކީ ދުރުކަމެކެވެ. އެހެން ނަމަވެސް އެންމެ ފަހު މަރުހަލާއާ ހަމައަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައި ވެއެވެ.
އެ މިސްކިތް ހޯދަން ހިންދޫން އެދެމުން ދާ އިރު, އެ ސިޓީގެ ހިންދޫ ޖަމާއަތްތަކުން އިސްނަގައިގެން ސަރުކާރާ ގުޅިގެން ވަނީ މިސްކިތާއި ގޯތިތެރޭގައި ހުރި އާސާރީ ތަންތަނާއި ތަކެތި ދެނެގަތުމަށް ތާރީހު ދިރާސާ ކުރާ ފަރާތްތައް ބައިވެރިކޮށްގެން ސްޓަޑީއެއް ވެސް ހަދާފައެވެ. އެސްޓަޑީން ދައްކަނީ މިސްކިތުގެ ވަޅާއި މިސްކިތުގައި ބޭނުން ކޮށްފައި ހުރި ބައެއް ގަލުވަޑާމުގައި ހިންދޫ ކަލާނގެ އަށް ނިސްބަތްވާ ސިއްކަ ހުރި ކަމަށް ބުނެފައި ވެއެވެ.
މި މިސްކިތަށް ބީޖޭޕީގެ ލޯ އަމާޒު ވި އިރު, އަޔޯދިޔާގައި ހުރި މިސްކިތަކީވެސް ކުރިން ފައްޅިއެއް ހުރި ތަނެއްގައި އެޅި މިސްކިތެއް ކަމަށް ބުނެ ތަޅާ ސުންނާފަތި ކޮށްލި މިސްކިތެކެވެ. އެތާނގައި ބޮޑު ހަފްލާއެއް ބާއްވާ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފައްޅި ހުޅުވައިދެއްވާފައި ވާ އިރު, އެ ރަސްމިއްޔާތުގައި އިދިކޮޅު ކޮންގްރެސް ޕާޓީއަކުން ބައިވެރިއެއް ނުވެއެވެ.