ށ. ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަންއާއެކު އެމްޓީސީސީއިން މިއަދު ސޮއި ކޮށްފިއެވެ.

މި މަޝްރޫއު ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުالله ޒިޔާދު، އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ.

އެމްޓީސީސީ އިން ބުނީ، 2800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުނަދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާއްމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ގެދޮރު އިމާރާތް ކުރުން ކަމަށެވެ. އެ ރަށަކީ ފުޓްބޯޅަ ކުޅެން ފޯރި ހުންނަ ޒުވާނުންގެ އާބާދީއެއް އޮންނަ ރަށެއް ކަމަށާއި މިއަދު ސޮއިކުރި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު އެ ރަށުގެ ޒުވާނުން ފުޓްބޯޅަ ކުޅޭނެ ދަނޑެއް އަނެއްކާ ވެސް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިއީ ޒުވާނުންގެ ދުޅަހެޔޮ ކަމަށާއި ރަށުގެ އިޖުތިމާއީ ތަރައްގީއަށް ހެޔޮ އަސަރުތަކެއް ކުރާނެ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 2400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މެއިންޓެނަންސް ޑްރެޖިންގް މަސައްކަތާއި، 15,039 އަކަ މީޓަރުގެ ސަރަހައްދެއްގެ ސަބްބޭސް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 3.49 މިލިއަން ރުފިޔާއަށް 90 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއަ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.