މިއަދުގެ ނިޔަލަށް ރައްޔިތުން މަޖިލީސް އިންތިހާބުގައި ވާދަކުރަން ހުށަހެޅީ 6 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ މަހުގެ 30 އިން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިއަދު އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިއަދުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލެއްވީ 6 މީހުން ކަމަށާއި މިއަދު ފޯމު ހުށަހެޅުއްވީ އެމްޑީއޭގެ 2 މީހަކު ކަމަށެވެ.

ހަބީބް ހިއްސާކުރި ލިސްޓަށް ބަލާއިރު މިހާތަނަށް ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވާފައިވަނީ:

  • ގަމު ދާއިރާ
  • ނިލަންދޫ ދާއިރާ
  • ހިތަދޫ އުތުރު ދާއިރާ
  • ހިތަދޫ އުތުރު ދާއިރާ
  • މީދޫ ދާއިރާ
  • ވެލިދޫ ދާއިރާ

ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް މިހާތަނަށް ދެ މީހަކު ހުށަހަޅުއްވާފައިވާއިރު މީދޫ ދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވަނީ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަން ވަނީ އެނގިފައެވެ. އަދި ވެލިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވަނީ އެމްޑީއޭގެ ކައުންސިލް މެންބަރު، މުހައްމަދު އައްބާސް ކަންވެސް ވަނީ އެނގިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަސްކަން ފާހަގަ ކުރައްވާ ހަބީބް ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީހަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެގޮތުން އީސީއިން އަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެމަތިން ކަމަށާއި ގާނޫނަށް ގެނެވޭ ބަދަލަކުން އިންތިހާބު ބާއްވާ ތާރީހް ފަސްކުރަން ޖެހިއްޖެނަމަ، އީސީ އޮންނާނީ އެކަމަށް ތައްޔާރުވެގެން ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.