ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުން ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ރަށްރަށުގައި ކިޔަން ފެށި ޤުނޫތު ކިއުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

މިސްކިތްތައް ބަލަހައްޓާ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި އެ މިނިސްޓްރީން ބުނީ، މިއަދު މަޣްރިބު ނަމާދުން ފެށިގެން ގުނޫތު ކިއުން ވަގުތީގޮތުން ހުއްޓާލުމަށް އެދޭ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޤުނޫތު ނާޒިލާ އަކީ ދާއިމީކޮށް ފަރުޟު ފަސް ނަމާދުގައި ކިޔަން އޮންނަ ޤުނޫތެއް ނޫން ކަމަށެވެ. 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ކީރިތި ރަސޫލާ މުސީބާތުގެ ވަގުތުގައި އެއް މަސްދުވަހު ޤުނޫތު ކިޔުއްވުމަށް ފަހު ދޫކޮށްލެއްވީ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ރަށްރަށުގައި ޤުނޫތު ކިޔަން ސަރުކާރުން އެންގީ އެ މަހުގެ 18 ވަނަ ދުވަހުގައެވެ. ސަރުކާރުން މިސްކިތްތަކުގެ އިމާމުންނަށް އެންގީ އެ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ކޮންމެ ނަމާދަކަށް ފަހު ޤުނޫތު ކިއުމަށެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 26،000 އަށް ވުރެ ގިނަ މީހުން މަރުވެ، 65،000 އަށް ވުރެ މީހުން ޒަހަމްވެފައިވެއެވެ.