އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ކެންސަރުގެ ފަރުވާއަށް ފަހު މިއަދު އޮފީހަށް ނިކުންނަވައިފިއެވެ.

ރަމީލާ އޮފީހަށް ނިކުންނަވާފައިވާއިރު މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އޭނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިދިިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު މިނިސްޓަރު ރަމީލާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް ކެންސަރު ޖެހިފައިވާތީ އެޗްއައިޕީއީސީ ކީމޯ އާއި ރޭޑިއޭޝަންގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ރަމީލާ ވަނީ އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް ޕޯސްޓުގައި އެދިވަޑައިގެންފައެވެ. އެހެންނަމަވެސް ފަރުވާ ހޯއްދަވަން ވަޑައިގަންނަވާ ގައުމެއް އަދި ބަލީގެ އިތުރު ތަފްސީލެއް ރަމީލާ ހާމަކުރައްވާފައެއް ނުވެއެވެ.

ރަމީލާ މިއަދު އޮފީހަށް ނިކުންނެވީ ފަރުވާ އެއްކޮށް ފުރިހަމަކުރުމަށްފަހު ކަމެއް އަދި ނޫން ކަމެއްވެސް ސާފެއް ނުވެއެވެ.

ޑރ. ރަމީލާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ކުރައްވައިފައި ވާ ބޭފުޅެކެވެ. ރަމީލާ ފަރުވާއަށް ފުރާވަޑައިގެންފަހު އެ މިނިސްޓްރީ ވަގުތީ ގޮތުން ހަވާލުކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމަށް މަޖިލީހުން ނެގި ވޯޓުން 70 މެންބަރުންގެ ވޯޓުން ރަމީލާއަށް ރުހުން ދިނުމަށް ވަނީ ނިންމާފައެވެ.