އެމްޑީޕީގެ ޓިކެޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި އެ ޕާޓީގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.

އެމްޑީޕީ އިން މިރޭ އާންމުކުރި ވަގުތީ ނަތީޖާއަށް ބަލާއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރަމުން ދާ ބައެއް މެންބަރުންނަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތިވެފައެވެ. މި ގޮތުން މި ޕްރައިމަރީގައި އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ކެލާ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހީމް ޝަރީފަށް ނާކާމިޔާބީ އާއި ކުރިމަތިވި އިރު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާއަށް ވެސް އިންތިހާބު ކާމިޔާބުކުރެވިފައެއް ނުވެއެވެ.

އެމްޑީޕީ އިން 40 ދާއިރާއަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ޖުމްލަ 148 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. ދ މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 25،325 މީހުންނަށް ލިބިފައިވާއިރު އިންތިހާބުގައި ޖުމްލަ 15829މީހުން ވަނީ ވޯޓުލާފައެެވެ. މީގެތެރެއިން 15653 ސައްހަ ވޯޓުލާފައިވާއިރު 176 ބާތިލު ވޯޓުލާފައިވާކަަމަށް އެމްޑީޕީ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމްޑީޕީއިން އިއުލާންކޮށްފައިވަނީ އެ ޕާޓީގެ ޕްރައިމަރީ ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނަމަވެސް ގިނަ ދާއިރާތަކެއްގެ ޓިކެޓު އެ ޕާޓީއިން ކަށަވަރުކުރުމާ ގުޅިގެން މިއަދު އެކަނި ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، ޕްރައިމަރީއަކާ ނުލާ އެ ޕާޓީގެ ޓިކެޓު 47 ފަރާތަކަށް ވަނީ ކަށަވަރުވެފައެވެ.