ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ 173 ބިދޭސީން ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒު ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ 173 ބިދޭސީން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި 13 އޮޕަރޭޝަނެއްވެސް ހިންގާފައިވާކަން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް މިފަދަ 29 އޮޕަރޭޝަނެއް ހިންގާފައިވާކަން ފާހަގަކުރައްވާ ނާފިޒު ވިދާޅުވީ 51 ސަފާރީއެއްވެސް ބަލާފައިވާކަމަށެވެ. މީގެއިތުރުން މަސްތުވާތަކެއްޗާއި ގުޅޭ 3097 މުއާމަލާތެއް ކޮށްފައިވާ ފަރާތްތައް ބަލާ ހުއްޓުވާފައިވާ ކަމަށާއި މި މައްސަލައިގައި 135 ދިވެހިންނާއި 16 ބިދޭސީން ހައްޔަރުކޮށްފައި ވާކަމަށްވެސް ނާފިޒު ވަނީ ވިދާޅުވެފައެވެ.

ކުރިއަށް ގެންދެވުނު މި އޮޕަރޭޝަންތަކުން 13400 ގުރާމުގެ މަސްތުވާތަކެތި އަތުލައިގަނެވިފައި ވާކަމަށާއި، އޭގެ އަގަށް ބަލާއިރު އެއީ އެއީ ހަތަރު ލައްކަ އަށާރަހާސް ރުފިޔާ ކަށްވެސް ނާފިޒު ވަނީ ވިދާޅުވެފައެވެ.

ފުލުހުން ކުރިއަށް ގެންދާ މިފަދަ އޮޕަރޭޝަންތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހުން ދަނީ ހައްޔަރު ކުރަމުންނެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު 2 ހަފްތާގެ މުއްދަތަކަށް ހިންގުނު އޮޕަރޭޝަނެއްގައިވެސް ވަނީ 5.5 މިލިއަން ރުފިޔާގެ މަސްތުވާ ތަކެއްޗާއި ބަނގުރާ އަތުލައިގަނެފައެވެ.