އުރީދޫއިން 2024 ގެ ކަލަންޑަރާއެކު ތައްޔާރުކުރި ގޭމް، "އަތޮޅު ދުވުން" ގައި ފެބުރުއަރީ އަޕްޑޭޓާއެކު ލީޑާބޯޑު ތައާރަފު ކޮށްފިއެވެ،

އުރީދޫއިން ބުނި މިހާރު އަތޮޅު ދުވުން ކުޅޭ ފަރާތްތަކުގެ މެދުގައި ލީޑާބޯޑު މެދުވެރިކޮށް އެންމެ މަތީ ޕޮއިންޓް ލިބޭ 10 ފަރާތް ފެންނަން ހުންނާނެ ކަމަށެވެ.

އަތޮޅު ދުވުމުގެ ޕާޓްނަރަކަށް ސެމްސަންގް ކަން އިއުލާންކޮށް އުރީދޫއިން ބުނީށް އެ އެއްބަސްވުމުގެ ދަށުން އަތޮޅު ދުވުމުގައި ފެބްރުއަރީ މަސް ނިމޭއިރު ލީޑާބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް 24 އަލްޓްރާ ފޯނެއް ލިބިގެންދާނެ ކަމަށެވެ.

އެ ގޭމުގައި 12 ލެވެލް ހިމެނޭއިރު ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ އުރީދޫގެ މި އަހަރުގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނިފައިވާއިރު އެ އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ފެބުރުއަރީ މަހު އަތޮޅު ދުވުން ގޭމުން ފެނިގެން ދާނީ ހދ. ކުޅުދުއްފުށިން ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫގެ މިއަހަރުގެ ކަލަންޑަރު ތައާރަފްކޮށްފައިވަނީ "އަތޮޅު ދުވުން" ގެ ނަމުގައި ކަމަށްވާއިރު، އެ ގޭމަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރި ފުރަތަމަ އެންޑްލަސް ރަނާ ޖޯންރާގެ ގޭމެވެ. އުރީދޫގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް ކަމަށްވާއިރު، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ.

މި ގޭމްގެ ސަބަބުން އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިވެ، ގޭމެއްގެ ތެރެއިން ރާއްޖޭގެ ރައްތަށް ބަލާލެވި އިތުރު ރަށްތަކެއްގެ މައުލޫމާތު ފެތުރިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ. އަދި މި ކަލަންޑަރާ ގުޅޭގޮތުން އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މިއީ ޒުވާނުންނަށާއި ދިވެހިން ކުރިއެރުވުމަށް އަދި އީޖާދީ ޓެކްނޮލޮޖީ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ދޭ އަހުމިއްޔަތުކަން ވަރުގަދަ ކުރުމުގެ ހެއްކެއް ކަމަށެވެ.