އުރުދުން އާއި ސީރިއާ ގުޅޭ ސަރަހައްދުގައި އެމެރިކާއިން ހަދާފައި ވާ ސިއްރު މަރުކަޒު "ޓަވާ 22" އަށް ހަމަލާ ދީ 3 މީހަކު މަރާލައި އެތައް ބަޔަކު ޒަހަމްވި ހާދިސާގެ ބަދަލު ހިފައިން އެމެރިކާއިން ސީރިއާ އާއި އިރާގުގެ 85 ތަނަކަށް ހަމަލާ ދީފިއެވެ.
އީރާނާ ގުޅުން އޮންނަ ހިޒުބުއްލޯގެ މަގާމުތައް ކަމަށް ބުނެ 85 ތަނަކަށް ހަމަލާދިން ކަން އެމެރިކާގެ އޮފިޝަލުން ޔަގީން ކޮށްދީފައި ވާ އިރު ހަމަލާތަކުގައި ލިބުނު ގެއްލުން އަދި ސާފެއް ނުވެއެވެ.
އެެމެރިކާގެ ސެންޓްކޮމް އިން ބުނެފައި ވަނީ އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ފަދަ ފިޔަވަޅެއްވެސް އަޅަން އެގައުމު ތައްޔާރު ކަމަށާއި އެގޮތުން އަދިވެސް އިތުރު ހަމަލާތައް ސީރިއާ އަދި އީރާގަށް ދޭނެ ކަމަށެވެ. އެގޮތުން ބުނެފައި ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާއި އެމީހުންނާ ގުޅިފައިވާ ޖަމާއަތްތަކަކީ އީރާގާއި އެމެރިކާގެ ރައްޔިތުންނަށް ނުރައްކަލެއް ކަމަށާއި އެމީހުން ނައްތާލުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށެވެ.
އެެމެރިކާގެ ހަމަލާތަކަކީ އިރާގުގެ ކަރާމާތާއި އިސްތިގުލާލަށް އުނިކަން ލިބޭ ހަމަލާތަކެއް ކަމަށް އެގައުމުގެ އީރާގުގެ އާންމްޑް ފޯސަސްއިން ބުނެފައި ވާތީ އެމެރިކާއިން ބުނެފައި ވަނީ މިހަމަލާތައް ދިނުމުގެ ކުރިން އީރާގު ސަރުކާރަށް ދުރާލައި އަންގާފައި ވާނެ ކަމަށެވެ.
މި ހަމަލާތައް ދިނުމުގެ އިތުރުން އެމެރިކާއިން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާ ދެކޮޅަށް ދަތިރިކުރުމުގެ އިތުރު ފިޔަވަޅުތަކެއް ވެސް އިއުލާން ކޮށްފައެވެ. އެގޮތުން ރިވޮލިއުޝަނަރީ ގާޑުންގެ ސައިބާ އިލެކްޓްރޯނިކް ކޮމާންޑްގެ 6 އޮފިޝަލަކާމެދު ފިޔަވަޅު އެޅުމުގެ އިތުރުން، އިރާނަށް ބެލެސްޓިކް މިސައިލާއި ޓެކްނޮލޮޖީ ފޯރުކޮށްދޭ ހޮންކޮންގް ގެ ކުންފުންޏަކާއި އިރާނުގެ ރިވޮލިއުޝަނަރީ ގާޑުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުވާ ތެލުގެ ވަގުވިޔަފާރީގެ މުއާމަލާތަކުން 108 މިލިއަން އެމެރިކާ ޑޮލަރު ހިފަހައްޓާފައި ވާ ކަމަށް ވެސް އެމެރިކާއިން ބުނެއެވެ.
އެމެެރިކާއިން ސީރިއާ އަދި އީރާގުގެ 85 ތަނަކަށް ދިން ހަމަލާ އަށް އެމެރިކާގެ ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންވެސް ވަނީ ތާއީދު ކޮށްފައެވެ. އެެެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އޯޑަރަށް ކުރިއަށް ގެންދިޔަ މިހަމާ އަކީ ކޮންމެހެންވެސް ދޭން ޖެހޭ ހަމަލާއެއް ކަމަށާއި ހަމަލާ އަސްލު އަމާޒު ކުރަންވީ ފަރާތްތަކަށް އަދި އަމާޒު ނުވާކަމަށް ވެސް ބައެއް އެމްޕީން ބުނެފައި ވެއެވެ. ބައެއް އެމްޕީންގެ ނަޒަރުގައި ހަމަލާ އަމާޒު ކުރަންވީ ސީދާ އީރާނަށެވެ. އީރާނަށް ހަމަލާ ދީ އީރާން ފުނޑުފުނޑު ކޮށްލުމަކީ އެމީހުންގެ ނަޒަރުގައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
އެެމެރިކާގެ ވައިޓްހައުސް އިން ބުނެފައި ވަނީ ހަމަލާތައް އަމާޒު ކުރީ މިވަގުތަށް އަމާޒު ކުރަން ޖެހޭ ތަންތަނަށް ކަމަށާއި އީރާނާ ކުރިމަތިލުމަކީ މިވަގުތަށް ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.
މިހަމަލާތަކާ ގުޅިގެން އީރާނުން ބުނެފައި ވަނީ، އެމެރިކާއިން އީރާނަށް ހަމަލާ ދީފި ނަމަ ރައްދު ވަރުގަދަ ވާނެ ކަމަށާއި ވަގުތުން ހަނގުރާމަ ފަށާނެ ކަމަށެވެ.