މަޝްހޫރު ބަތަލާ، ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒްގެ ޑްރީމް ޕްރޮޖެކްޓް "ޔާރާ" ގެ ތިން ވަނަ ސީޒަން ދައްކާނެ ތާރީހު އިއުލާންކޮށްފިއެވެ.

ބެލުންތެރިންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ރިޝްމީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބެލުންތެރިއެއްގެ ސުވާލަކަށް ޖަވާބުދެމުން ބުނީ ޔާރާ ގެ ތިން ވަނަ ސީޒަން މާޗު މަހު އަންނާނެ ކަމަށެވެ. މި ސީރީޒް ހަތަރު ސީޒަނަކަށް ބަހަލައިގެން ގެނެސްދޭއިރު ޔާރާގެ ދެވަނަ ސީޒަން ކާމިޔާބުކަމާއެކީ ނިންމާލީ މިދިޔަ މަހެވެ. އަންނަ މަހުގެ 14 ވަނަ ދުވަހު ބައިސްކޯފު އެޕްލިކޭޝަން އިން މި ސީރީޒްގެ ތިން ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑު ސްޓްރީމްކުރާނެއެވެ. ކޮންމެ ހަފްތާ އަކު އެޕިސޯޑެއްގެ އުސޫލުން ސީރީޒް ގެނެސްދޭން ވަނީ ނިންމާފައެވެ.

އަހުމަދު އިގްބާލް (އައިކިއު) ސްކްރީންޕްލޭ ލިޔުނު "ޔާރާ" އަކީ ރޮމޭންޓިކް ކޮމެޑީ ޖޯންރާގެ ސީރީޒްއެކެވެ. މި ސީރީޒުން އެއްފަހަރާ އެންމެ ގިނަ ދިވެހި ތަރިން ފެނިގެންދާއިރު މި ސީރީޒުން ފެނިގެންދާނެ ބައެއް ތަރިންނަކީ މަރިޔަމް އައްޒަ، ޖުމައިހު (ޖުމާ)، އަހުމަދު އަޒުމީލު (އަޒޭ)، އައިމިނަތު ރަޝީދާ (އައިންތު)، މުހައްމަދު ވިޝާލް (ރޯމަން)، ޝަރާ އާދަމް، އަބްދުﷲ ޝަރަފް، ހުސައިން ޝާދިޔާން (ސޭންޑީ)، ނަތާޝާ ޖަލީލު އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. މި ސީރީޒް ބިނާވެފައި އޮންނަނީ އެކި ކަހަލަ ގުޅުންތަކުގެ މައްޗަށެވެ. ބަތަލާ ރިޝްމީ އެންމެފަހު ޑައިރެކްޓްކުރި ފީޗާ ފިލްމަކީ 2017 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބޮސް" އެވެ.