30 އަހަރަށް ފަހު ވ. ފެލިދޫގެ ބާ އިންޖީނުގޭގައި ހުރި އިންޖީނުތައް ނިއްވާލައި، އެ ރަށުގައި ސްޓެލްކޯއިން ގާއިމް ކުރި އާ ޒަމާނީ އިންޖީނުގެ އިން ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ.

އިއްޔެ ފެލިދޫއަށް ވަޑައިގެން އެރަށު ބާ އިންޖީނުގެ ނިއްވާލަ ދެއްވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

ސްޓެލްކޯ އިން ބުނީ، ފެލިދޫ ބާ އިންޖީނުގޭގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލި އިރު، އެ ޖަނަރޭޓަރުތަކުގެ ގަދަ އަޑާއި ދުން ވަނީ ރަށުގެ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފަކަށް ވެފައި ކަމަށެވެ. ފެލިދޫ އާ އިންޖީނުގޭގެ ހިދުމަތް ފައްޓަވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާޓުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ، އެ އިންޖީނުގެއަކީ، ފަޔާ ފައިޓިން އާއި، ސައުންޑް ޕްރޫފިން އަދި ސްޓާފް އެކޮމޮޑޭޝަންއަކާއި، ޓްރެއިނިން ހޯލެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އަދި ރައްޔިތުންނަށް ފަސޭހައިން ހިދުމަތްތައް ދެވޭނެ ކަސްޓަމާ ސާވިސް ބިލްޑިންއަކާ އެކު، އަޅާފައިވާ އެންމެ ޒަމާނީ އިންޖީނު ގެއެއް ކަމަށެވެ.

ބާ އިންޖީނުގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލުމާއި ގުޅިގެން ރަށުގެ ކައުންސިލުން ވެސް ވަނީ އެކަން ފާހަގަކޮށް، މިއީ ޒަމާންތަކަކަށް ފަހު ރައްޔިތުންނަށް ލިބިގެން ދިޔަ ބޮޑު ލުޔެއްކަން ފާހަގަ ކޮށްފައެވެ.

އެ ރަށުގެ ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ފެލިދޫ ބ އިންޖީނުގޭގެ ޙީދުމަތް ދޭން ފަށާފައި ވަނީ ޖަނަވަރީ 31، 1994 ގައެވެ. 25 ކިލޯވޮޓްގެ ޖަނަރޭޓަރަކާއެކު ފެލިދޫގައި ކަރަންޓު ދޭން ފެށި އިރު އޭރު ރަށުގެ ޕީކް ލޯޑަކީ ގާތްގަނޑަކަށް 10-12 ކިލޯވޯޓެވެ.

2014 ވަނަ އަހަރު ފެލިދޫ އިންޖީނުގެ ސްޓެލްކޯ އާ ހަވާލުކުރުމާ ގުޅިގެން ރަށުގެ ކަރަންޓު ޑިމާންޑަށް ބަލައި، ސްޓެލްކޯއިން ދިޔައީ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަލަށް އިތުރު ކުރެވުނު 304، 250 އަދި 500 ކިލޯވޮޓުގެ ޖަނަރޭޓަރުތަކާއެކު ރަށުގައި ކަރަންޓު އުފެއްދޭ ކެޕޭސިޓީ ވަނީ 1054 ކިލޯވޮޓަށް އިތުރު ކުރެވިފައެވެ.

މިވަގުތު ފެލިދޫގެ އެވަރެޖް ޕީކް ލޯޑަކީ 355 ކިލޯވޮޓް ކަމަށް ސްޓެލްކޯއިން ބުނެއެވެ. ފެލިދޫގައި ސްޓެލްކޯއިން ގާއިމްކޮށްފައިވާ އިންޖީނު ގެއަކީ ޒަމާނީ އަޑުމަޑު، ކަސްޓަމާ ސާވިސް އިމާރާތަކާއެކު ރައްޔިތުންނަށް ފަސޭހައިން ހިދުމަތްތައް ދެވޭނެ ފަދަ އިންތިޒާމްތަކާ އެކު އަޅާފައިވާ އިންޖީނު ގެއެކެވެ.