ޗައިނީޒް ސްކޮލާޝިޕް ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ "ޔޫތް އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމް" ގެ ދަށުން ދޫކުރާ ސްކޮލާޝިޕް ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޗައިނާ ގައި މާސްޓާސް އަށް ކިޔަވަން ދިވެހިންނަށް 200 ސްކޮލާޝިޕުގެ ފުރުސަތު ދިނުމަށް ނިންމާފައި ވާއިރު މި ސްކޮލާޝިޕްތަކުގެ ހުރިހާ ހަރަދެއް ދެނީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެއް އަހަރު ދުވަހުގެ އެ ސްކޮލާޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްރީލް 15 އިގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެދިފައެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މާސްޓާސް ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހަށް ފޯމު ހުށަހަޅާނެ ގޮތުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޑިގްރީ ނިންމާފައިވުމާއެކު އުމުރުން 45 އަހަރު ނުވާ މީހެއްކަމުގައި ވުން ހިމެނެއެވެ.

ޗައިނާގެ 78 ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޯހަށް ހޮވޭ ފަރާތްތަކުން ރާއްޖެ އިން ފުރުމުގެ ކުރިން، އެ މީހަކު ބައިވެރިވާ ކޯސް ހިންގާ ޔުނިވާސިޓީ އަދި އެ ކޯހަކީ ރާއްޖޭގެ އެމްކިޔުއޭ ގަބޫލުކުރާ ކޯހެއްތޯ ޔަގީން ކުރުމަށް އެދިފައެވެ،

މީގެ އިތުރުން އެ މިނިސްޓްރީން ވަނީ ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯހެއް ހެދުމަށް ހޮވިއްޖެ ނަމަ ކޯހަށް ފުރުމުގެ ކުރިން ކަމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި، އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ޔަގީން ކުރުމަށް ވެސް އެދިފައެވެ،