ގާޒާގެ އުތުރުގައި ހުންނަ އޭނާގެ އާއިލާގެ ގެއަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާގައި އަހެދު ބްސައިސޯގެ ފަޔަށް ލިބުނު އަނިޔާގެ ވޭނާއި ނުތަނަވަސްކަން ވަގުތުން އޭނާއަށް އިހުސާސެއް ނުކުރެވުނެވެ.
"އަހަންނަށް ފެނުނީ ހަމައެކަނި ދުންތައް. ހިނދުކޮޅަކަށް އަހަރެން ހީކުރީ އަހަރެން މަރުވެއްޖެ ކަމަށް." ޑިސެމްބަރު 19 ވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކުގެ ހަނދާން އާކުރަމުން އުމުރުން 17 އަހަރުގެ އަހެދު ކިޔައިދިނެވެ.
އިޒްރޭލުން ގާޒާއަށް އެންމެ ހަރުކަށި ހަމަލާ ދޭން ފެށި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އޭނާ ކޮންމެ ދުވަހަކުވެސް ކަންތައް ކުރަމުން އަންނަ ފަދައިން އޭނާގެ އެއްބަނޑު އެއްބަފާ ދައްޔަ މޯނާ އާއެކު އެމީހުން ދިރިއުޅޭ އިމާރާތުގެ 6 ވަނަ ފަންގިފިލާއަށް އެރީ 10:30 ހެނދުނު ގައެވެ.
އެމީހުން އެތަނަށް ދިޔައީ ގައުމުން ބޭރުގައި އުޅޭ ބައްޕައަށް ގުޅާށެވެ. ބޮމުގެ ހަމަލާތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުގެ ދަތިކަން ކުރިމަތިވި ނަމަވެސް އެމީހުން ދިރިތިބިކަން އަންގަން ކޮންމެ ދުވަހަކު ވެސް ބައްޕަ އަށް ގުޅޭތޯ މަސައްކަތް ކުރެއެވެ.
ގާޒާގައި ތަކުރާރުކޮށް މުވާސަލާތީ ހިދުމަތްތައް މެދުކަނޑާލުމުގެ ސަބަބުން ގިނަ ބަޔަކު ފުރާޅަށް އަރައި ސިގްނަލް ބޫސްޓާ ހޯދަން ނުވަތަ ސަރަހައްދީ ޓެލެކޮމް އެއާލައިނަކާ ގުޅިފައިވާ އީސިމް ކާޑު ބޭނުންކުރަން ޖެހެއެވެ.
އަހެދު ބުނީ އިމާރާތުގެ ބޭރުން އާދަޔާ ހިލާފަށް ބޮޑު އިޒްރޭލުގެ ޓޭންކެއް ފެނުނު ކަމަށާއި ނަމަވެސް ނޮވެމްބަރު މަހު އިޒްރޭލާއި ހަމާސްއާ ދެމެދު ހަނގުރާމަ މެދުކަނޑާލުމަށްފަހު އަލުން ފެށި ފަހުން އިޒްރޭލުގެ އަސްކަރިއްޔާގެ ވެހިކަލްތަކުން އެ މީހުންގެ ގެ ވަށާލާފައިވާތީ އެކަމާ މާ ބޮޑު ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
އިށީނުމަށްފަހު ބައްޕަގެ ނަންބަރަށް އޭނާ ގުޅިއެވެ.
"އަހަރެން ދިރިއެބަހުރި" އޭ ބުނެވުނު
"ބިން މަތީގައި އިށީންތާ އިރުކޮޅެއް ފަހުން އަހަރެން އޮތީ އިދިކޮޅަށް އެނބުރިފައި."
އިޒްރޭލުން ދިން ހަމަލާގައި އަހެދުގެ ފައި ބުރިވެގެން ވަރަށް ބޮޑަށް ލޭ އައެވެ. އޭނާއަށް ލިބުނު ހައިރާންކަމުގެ ބޮޑުކަމުން އަނގައިން އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާގެ ދައްތަ މޯނާގެ ހާލަކީވެސް އެއެވެ.
"މޯނާ އިނީ އަހަރެންނަށް ގޮވަން ވެސް ބިރުން، އަހަރެންގެ ޖަވާބެއް ނުލިބިދާނެތީ. އިރުކޮޅެއް ފަހުން އަމިއްލަ ނަފްސަށް އިހުސާސްކުރެވުނު ވެދިޔަ ކަންތައްތައް. އަހަރެން ދިރި އެބަހުއްޓޭ ބުނެވުނު."
އަހެދުގެ ފިރިހެން ކަޒިންސް އަވަސްވެގަތީ އޭނާ ތިރިއަށް ގެންދިއުމަށެވެ. އަހެދުގެ ފައި ސަލާމަތުން ހުރިތޯ ހަށިގަނޑުގެ ތިރިއަށް ބެލުމަށް އޭނާ މަސައްކަތް ކުރިއެވެ.
"އަހަރެންގެ ކަޒިންސް ކައިރީ އަހަރެން ފައި ސަލާމަތުން ހުރިތޯ އަހާ އަހަރެން ވަރަށް ހަޅޭއް ލެވިން. އެމީހުން އަހަރެން ލޯ މަތީގައި އަތް އެޅީ."
އެމީހުން އަހެދު ގެންގޮސް ބޭއްވީ ކާ މޭޒު މަތީގައެވެ. އެތަނުގައި އޭނާގެ މަންމަ މީގެ ކުރިން ރޮށި ދަމާ ހަދައެވެ. އެއީ އިޒްރޭލުން މުޅިން ވަށާލުމާއި، ކާބޯތަކެއްޗާއި އަސާސީ ސާމާނު މަދުވުމުގެ ސަބަބުން ގާޒާގެ ގެތަކުން މިހާރު އާއްމުކޮށް ފެންނަ މަންޒަރެކެވެ.
އާއިލާގެ އިމާރާތުގައި ތިބި 30 ގާތް ތިމާގެ މީހުންގެ ތެރެއިން ހަމައެކަނި ޑޮކްޓަރު އަދި ކަށީގެ ޑޮކްޓަރެއް ކަމަށްވާ އޭނާގެ ބޮޑުބޭބެ ހާނީ ގެނައުމަށް މީހަކު އަވަސްވެގަތެވެ.
ހާނީ ވަނީ މި ހަނގުރާމަ ފެށުނު ތަނާ އޭނާގެ އަންހެނުންނާއި ހަތަރު ދަރިން ގާޒާއިން ބޭރަށް ފޮނުވާލާފައެވެ.
އަހެދުއަށް އަނިޔާވެފައިވާ ފަޔަށް ބަލާލާފައި އޭނާ ވަރަށް ކަންބޮޑުވިއެވެ. ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި އެނެސްތީސިއާ އާއި ސާފު ފެންވެސް ނެތި އޭނާ ސަލާމަތް ކުރަން ޖެހޭކަން އެނގުނެވެ.
މިއަދު ގާޒާގައި އަނިޔާވާ މީހުންނަށް ބޭސްފަރުވާ ދޭން ޖެހެނީ އެންމެ ކުޑަ މިނުން ތަދު ކަނޑުވާ ބޭހެއްވެސް ނެތިއެވެ.
ހާނީއަށް ނިންމަން ޖެހުނީ ވަރަށް އުނދަގޫ ނަމަވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރުމަށެވެ. ތިރީ ފައިގެ ބާކީ ހުރި ހިސާބުން ބުރިކޮށްލުމަށެވެ.
"އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނެތް. އަހަރެންގެ ބްރީފްކޭސް ކޮޓަރީގައި އޮތްކަން ހަނދާންވުމުން އޭތި ގެނެސްދިނުމަށް ގޭގެ ކުއްޖެއް ކައިރީ ބުނި. އެއަކުވެސް އެއްވެސް އެއްޗެއް ނެތް. ހަމައެކަނި އޮތީ ތަޣައްޔަރުވެފައިވާ ބެންޑޭޖުކޮޅެއް." ހާނީ ބުންޏެވެ.
"އަހަރެން މަޑުކުރީ އަހެދަށް ދިރިއުޅެވޭތޯ"
ހާނީއަށް އެ ޒަހަމް ސާފުކުރާނީ ކިހިނެތްކަމެއް ނުވަތަ ލޭ އައުން ކޮންޓްރޯލް ކުރާނެ ގޮތެއް ނޭނގުނެވެ.
ހާނީ ބުނީ ގާޒާގެ އެންމެ ބޮޑު މެޑިކަލް ފެސިލިޓީ، އަލް ޝިފާ ހޮސްޕިޓަލް އޮތީ ކާރުގައި ފަސް މިނެޓުން ދެވޭ ހިސާބުގައި ނަމަވެސް ހަނގުރާމައިގެ ސަބަބުން އެ ހޮސްޕިޓަލުން މިހާރު އެއްވެސް ހިދުމަތެއް ނުދެވޭ ކަމަށެވެ.
ގާޒާގެ ގިނަ ހޮސްޕިޓަލްތަކެކޭ އެއްފަދައިން އަލްޝިފާއަށް ވެސް މިދިޔަ ނޮވެމްބަރު މަހު ހަމަލާދީ ބަލައި ފާސްކުރުމުގެ ސަބަބުން އެތަނުގައި ތިބި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ފިލައިގެން ގޮސް ހޮސްޕިޓަލްގެ ހިދުމަތް ވަނީ ހުއްޓިފައެވެ.
ހާނީ މާޔޫސްކަމާއެކު ކޮޓަރީގެ ވަށައިގެން ބަލައިލީ އަހެދަށް ކުޑަވެސް ލުއިކަމެއް ލިބޭނެ ފަދަ ގޮތަކަށް ފަރުވާއެއް ދެވޭނެ އެއްޗެއް އޮތްތޯއެވެ. ބަދިގެ ސިންކު ކައިރިން އޭނާއަށް ފެނުނީ ތަށި ދޮންނަ ސައިބޯންޏަކާ ސްޕޮންޖެކެވެ.
އެ އެއްޗިސް ބޭނުންކޮށްގެން އަހެދަށް ލިބިފައިވާ ޒަހަމް ސާފުކުރަން ފެށި ނަމަވެސް އަހެދު އާދޭސް ކުރަމުން ދިޔައީ ފައިގެ ބާކީ ބައި ބުރިނުކޮށްލުމަށް ކަމަށް ހާނީ ބުންޏެވެ.
ހާނީގެ ހިތް ފަޅައިގެން ގޮސް އޭނާގެ މޫނުމަތިން ކަރުނަ ފައިބަމުން ދިޔައީ އަހެދު ފުރިހަމައަށް ހޭވެރިކަމުގައި ހުއްޓާ އޭނާއަށް ފަރުވާ ދިނުމަށް ކުރަން ޖެހޭ ކަންތަކާ މެދު ވިސްނާފައެވެ.
"އެނެސްތީސިއާ އާ ނުލައި ފައި ބުރިކޮށްލުމުގެ ވޭނަށް ކެތްކުރެވޭނީ ކާކަށްބާއޭ އަހަރެން ހިތަށް އެރި."
ފައި ބުރިކޮށްލީ ބަދިގޭގައި ބޭނުންކުރާ ވަޅިއެއް ބޭނުންކޮށްގެންނެވެ. އަދި ޒަހަމް ފަހާފައިވަނީ ހެދުން ފަހަން ގެންގުޅޭ ތިނޯހާއި ބަރަންޏެއް ބޭނުންކޮށްގެންނެވެ.
އެވޭނަށް ކެތްކުރީ ކިހިނެއްތޯ އަހާލުމުން އަހެދު ބުނީ އާދަޔާ ހިލާފު ހިމޭންކަމުގެ އިހުސާސެއް އުފެދުނު ކަމަށެވެ.
"މުޅި ވަގުތު ހޭދަކުރީ ކީރިތި ގުރުއާނުގެ އާޔަތްތައް ކިޔަމުން."
އާހިދަކީ އިންފެކްޝަން ޖެހުމުގެ ފުރުސަތު އޮތް މީހެއްކަން އެނގުމުން ހާނީ ބުނީ އޭނާ "ގޭގައި ހުރި ކޮންމެ އެންޓިބަޔޮޓިކް ޕިލްއަކާއި ޕެންކިލަރެއް" ނަގައި، ކާއެއްޗެހި ނެތުމުން ގިނައިން ހުސްބަނޑުގައި ކާން ދިން ކަމަށެވެ.
އަހެދުގެ ޒަހަމްތަކަށް އިންފެކްޝަންގެ ނުރައްކާ ބޮޑުކަމުން، ހާނީ ބުނީ ގޭގައި ހުރި ހުރިހާ އެންޓިބަޔޮޓިކް އާއި ތަދު ކަނޑުވާ ބޭސް އެއްކުރުމަށްފަހު އެކި ގަޑިތަކަށް ބަހާލި ކަމަށެވެ. އަދި ކާއެއްޗެހި ލިބުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އެ ބޭސްތައް ކާން ޖެހުނީ ހުސްބަނޑާ ހުރެ ކަމަށް ހާނީ ބުންޏެވެ.
ހާނީއަށް އަހެދު މެޑިކަލް ފެސިލިޓީއަކަށް ބަދަލުކުރެވުނީ އޭގެ ފަސް ދުވަސް ފަހުންނެވެ. އެއީ އިޒްރޭލުގެ ޓޭންކުތައް އެ ސަރަހައްދުން ދިޔަތާ އެއް ދުވަސް ފަހެވެ. އެތަނުގައި އަހެދުގެ އެތައް ސާޖަރީއެއް ކުރިއެވެ.
"އެކަމަކު އަދިވެސް ނުފުދޭ. އަދިވެސް އަހެދުއަށް މުހިންމު ސާޖަރީތައް އެބަހުރި. އޭނާގެ ގެއްލުނު ފައިގައި ކޮސްމެޓިކް ރިޕެއާ ސާޖަރީ ހަދަން ޖެހޭ. އާޓިފިޝަލް ބައެއް އޭނާގެ ފައިގެ ތިރިއަށް ބޭނުންވޭ." ހާނީ ބުންޏެވެ.
"އަނބިދަރިންނާއެކު އަހަރެންނަށް ވެސް މިތަނުންނ ދެވުނީސް. އެކަމަކު ހެއްދެވި ފަރާތް މިންވަރުކުރެއްވި ގޮތުން އަހަރެން މިތަނުގައި މަޑުކުރީ އަހެދަށް ދިރިއުޅެވޭތޯ ކަމަށް އަހަރެން ގަބޫލުކުރަން."
އަހެދަކީ އިޒްރޭލުން ގާޒާއަށް މެދުނުކެނޑި ދެމުން ގެންދާ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތައް ގެއްލިފައިވާ ޒުވާން އެތައް ހާސް ބައެއްގެ ތެރޭގައި ހިމެނޭ އެކަކެވެ.
އަހެދު ބުނީ އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން މުޅި މީހާ އަބަދަށް ބަދަލުވެފައިވާ ކަމަށެވެ. ހަމަލާ ދިނުމުގެ ކުރިން އޭނާ ވަނީ ފާމަސީ ކިޔެވުމަށް ހުށަހަޅާފައެވެ. އެކަމަކު އޭނާއަށް ދިމާވި ކަންތައްތަކުގެ ސަބަބުން ބޭސްވެރިކަމާ ގުޅުން ހުރި އެއްވެސް ކަމެއް ކުރުމުގެ ހިތްވަރު ނެތް ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ކުރިއަށްދާނީ އެހެން ދާއިރާއަކުން. ބޭސްވެރިކަމުގެ ދާއިރާއިން އަހަރެން ބަލިކޮށި ކޮށްލި ނަމަވެސް އަހަންނަށްވެސް އާދައިގެ ދިރިއުޅުމެއް އުޅެވިދާނެކަން މުޅި ދުނިޔެއަށް ސާބިތުކޮށްދޭނަން." އަހެދު ބުނީ އޭނާ މިހާރު ވިސްނަނީ އިންޓީރިއާ ޑިޒައިނިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށެވެ.
އދ.ގެ ކުޑަކުދިންގެ ފަންޑުން ބުނާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާޒާގައި ދުވާލެއްގެ މައްޗަށް 10 އަށްވުރެ ގިނަ ކުޑަކުދިންގެ އެއްފައި ނުވަތަ ދެފައި ވަނީ ގެއްލިފައެވެ.
އެއީ 1،000 އަށް ވުރެ ގިނަ ކުޑަކުދިންނެވެ.
ބުރިކޮށްލުމަކީ "ސްޓޭންޑަޑް ޕްރެކްޓިސް"
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާޒާގައި މަރުވި މީހުންގެ ތެރެއިން ގިނަ ބަޔަކު ހޮސްޕިޓަލަށް ގެންދެވުނުނަމަ ސަލާމަތްކުރެވުނީސް ކަމަށް މެޑިކަލް ޕްރޮފެޝަނަލުން ބުނެއެވެ.
މެޑެސިންސް ސެންސް ފްރޮންޓިއާސް (އެމްއެސްއެފް) ގެ ނަމުން މަޝްހޫރު ޑޮކްޓާސް ވިތައުޓް ބޯޑާސްގެ ކަށީގެ ޑޮކްޓަރެއް ކަމަށްވާ އަބޭދު ބުނީ ގާޒާގައި ހުރިހާ ބާވަތެއްގެ ބޭހުގެ ދަތިކަން އެބަހުރިކަމަށެވެ.
"ބަރޯސާވާން ޖެހެނީ ޕެރަސެޓަމޯލް ފަދަ ޕެއިންކިލާތަކަށް. ވޭން ކުޑަކުރުމަށް ލޯކަލް އެނެސްތެޓިކް ބޭނުންކުރުމަށް މަސައްކަތް ކުރަން."
އަބޭދު ބުނީ ހަމަލާތަކުގައި ލިބޭ ޒަހަމްތަކުގެ ސަބަބުން ގުނަވަންތައް ބުރިކުރަން ޖެހެނީ އެންމެ ގިނައިން ކުޑަކުދިންގެ ކަމަށެވެ.
ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 27،000 މީހުން ޝަހީދުކޮށް، 65،000 މީހުން ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި އަނިޔާގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް މިނިސްޓްރީން ބުނެއެވެ.