ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ކައިރީ އާރުޓީއެލްގެ އާ ބަސްހުއްޓިއެއް ގާއިމްކޮށްފައިވާ ކަމަށް މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދެމުންދާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ، ރައްޔިތުންގެ އެދުމާއި އެއްގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އާރުޓީއެލް ބަހުގެ ހިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި އެ ސަރަހައްދުގައި އާ ބަސް ހުއްޓިއެއް ގާއިމްކޮށް މިއަދުން ފެށިގެން ހިދުމަތް ދެމުންގެންދާނެ ކަމަށެވެ.

އެހެންކަމުން ހުޅުމާލެއަށް މިހާރު ދަތުރުކުރަމުންދާ ބަސްތަކުގެ ރޫޓަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ބަދަލު ގެނެސްފައިވާ ރޫޓްތަކަކީ:

  • އާރު 6 (ހުޅުމާލޭ ފޭސް 1 - ފޭސް 2)
  • އާރު 7 (ހުޅުމާލެ ފޭސް 2 - ވެސްޓް ޕާކް)
  • އާރު 8 (ހުޅުމާލެ ފޭސް 2 - ކާނިވަލް)
  • އާރު 9 ( ހުޅުމާލެ ފޭސް 2 - އެއާޕޯޓް)

މީގެއިތުރުންވެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އާންމުކޮށްފައިވާ ޗާޓާއި އެއްގޮތަށް އާރު 7، އާރު 8 އަދި އާރު 9 ގެ ރޫޓުތަކަށް ބަދަލު އަންނާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެމްޓީސީސީއިން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އާއެކު ގިނަ ބަޔަކަށް ލުއިފަސޭހަ ކަމެއް ލިބެމުން އަންނައިރު އެ ހިދުމަތަށް އަންނަނީ ބޮޑު ތަރުހީބެއްވެސް ލިބެމުންނެވެ.

ތަފާތު ގިނަ ރޫޓުތަކަށް އެ ހިދުމަތް ދެމުން އަންނައިރު ޓިކެޓް ނެގުމަށް އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މިހާރު ބޭނުން ކުރެވޭއިރު ދަތުރުކާޑު ބޭނުންކޮށްގެން ވެސް މި ބަސް ރޫޓުގައި ކަސްޓަމަރުންނަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.