މާލެ ސަރަހައްދުގެ އާރްޓީއެލް ބަސް ދަތުރު ފަތިހު 5:00 ގައި ފަށަން އެމްޓީސީސީ އިން ނިންމައިފިއެވެ.

އެމްޓީސީސީ އިން ބުނީ ސެޕްޓެމްބަރު 8 ވާ އާދިއްތަ ދުވަހުން ފެށިގެން ގްރޭޓާ މާލެ ސަރަހައްދަށް ފޯރުކޮށްދެމުން ގެންދާ އާރްޓީއެލްގެ ބަހުގެ ހިދުމަތް ހެނދުނު 6:00 ގެ ބަދަލުގައި 5:00 އަށް އަވަސްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަވަސް ކުރަން ނިންމާފައިވަނީ އާރް 1، އާރް 2، އާރް 6، އާރް 7، އާރް 8، އާރް 10، އާރް 11، އާރް 12 ރޫޓުތަކުގެ ދަތުރުތަކެވެ.

އެމްޓީސީސީ އިން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށާއި ދަތުރުތައް އަވަސް ކުރަން ނިންމާފައި ވަނީ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ.

އެމްޓީސީސީ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން އާރްޓީއެލް ބަސް ޓިކެޓަށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް އެމްޓީސީސީ އިން ވަނީ މި އަހަރު ޖޫން މަހުގެ ތެރޭގައި ހަޖައްސާފައެވެ.

ކޭޝް ކާޑު ބޭނުންކޮށްގެން އާރްޓީއެލް ބަސް ޓިކެޓު ނެގޭނެ އިންތިޒާމު ފުރަތަމަ ހަމަޖެއްސީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ބަހުގެ ހިދުމަތް ހޯދާ 65 އަހަރުން މަތީގެ މީހުންނާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކެމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމުވެސް އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވެއެވެ. މީގެ އިތުރުން، ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށާއި ކޮލެޖް ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުން، ސްޓޫޑެންޓް ކާޑު ދެއްކުމުންވެސް ފެރީގައި ހިލޭ ދަތުރު ކުރެވޭނެއެވެ.