ކުރިއަށް ރޯދަ މަހު އެމްޓީސީސީން ފޯރުކޮށް ދޭ ފެރީ އަދި ބަސް ދަތުރުތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ، މި ބަދަލުތަކުގެ ތެރެއިން މާލެ ސަރަހއްދުގައި ދޭ ބަހުގެ ހިދުމަތުން މާލެއިން ހުޅުމާލޭގެ ފޭސް އެކެއް އަދި ދެއަކަށް ކުރާ ބަސް ދަތުރުތައް ފަށާނީ ހެނދުނު 7:00 ގައި ކަމަށެވެ. އަދި އެއަށް ފަހު ރޯދަ ވީއްލާ ގަޑިއަށް ބަސް ދަތުރުތައް މެދުކަނޑަލާނެ ކަމަށާއި ރޭގަނޑު ބަސް ދަތުރުތައް ދެން ފަށާނީ 7:20 ގައި ކަމަށެވެ. އަދި މި ދަތުރުތައް ރޭގަނޑު 12:00 އާ ހަމައަށް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާލޭ ތެރޭގައި ބަސް ދަތުރުތައް ވެސް ރޯދަމަހު ފަސާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގައި ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މާލެ ެތރޭގައި ކުރާ ބަސް ދަތުރުތައް ރޯދަ ވީއްލާ ގަޑިއަށް މެދުކަނޑާލުމަށް ފަހު ދެން ފަށާނީ ރޭގަނޑު 9:00 ގައި ކަމަށް އެމްޓީސީސީން ބުނެއެވެ. މި ރޫޓުގެ ދަތުރުތައް ވެސް ކޮންމެ ރެއަކު ރޭގަނޑު 12:00 އާ ހަމައަށް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރު އަތޮޅުތަކަށް ފޯރުކޮށް ފެރީ ހިދުމަތަށް ބަލާއިރު 20 އަތޮޅެއްގައި 6 ޒޯނަކަށް ބަހާލައިގެން 68 ރޫޓުން ދަތުރުތައް އެމްޓީސީސީގެ އާރްޓީއެލް ފެރީން އަންނަނީ ދަތުރު ކުރަމުންނެވެ. ރޯދަ މަހު ފެރީ ދަތުރުތައް އާންމުންނަށް ފަސޭހަވާނެ ގޮތަށް ރާވާފައިވާ އިރު، ފެރީ ހިދުމަތަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އިރުއޮއްސުމުގެ ކުރިއަށް ދަތުރުތައް ނިންމާލުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޓީސީސީން ބުނެއެވެ. ހަމައެއާއެކު ރޯދަމަހުގެ ތެރޭގައި ހުކުރު ދުވަހަކީ އާރްތިއެލް ފެރީ ދަތުރު ނުކުރާނެ ދުވަހެއް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ވިލިމާލެ އިން މާލެއާ ދެމެދު ކުރާ ފެރީ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައި ކަމަށް އެމްޓީސީސީން ބުނެއެވެ. ހަވީރު 5:50 ގައި ފެރީ ދަތުރު މެދުކަނޑާލުމަށްފަހު ދެން ދަތުރުތައް ފަށާނީ ރޭގަނޑު 7:00 ގައެވެ.

ހަމައާއެކު ހުޅުމާލެއިން މާލެއާ ދެމެދު ކުރާ ފެރި ދަތުރުތައް ރޯދަމަހު ފަށާނީ ހެންދުނު 8:30 ގައެވެ. މި ދަތުރުތައް މެންދުރު ފަހު 2:30 އަށް ނިންމާލާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި މާލެއިން ތިލަފުއްޓަށް ކުރާ ފެރީ ދަތުރުތައް ރޯދަ މަހު ފަށާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިންނެވެ. ރޯދަ ވީއްލާ ވަގުތަށް ފެރީ ހިދުމަތް މެދުކަނޑާލުމަށްފަހު ދެން ދަތުރު ފަށާނީ ރޭގަނޑު 8:30 އިންނެވެ. އަދި ރޭގަނޑުގެ އެންމެ ފަހު ފެރީ ދަތުރު ކުރާނީ 12:15 ގައެވެ.

އެމްޓީސީސީން ބުނާ ގޮތުގައި އެ ކުންފުނިން ފޯރުކޮށް ދޭ ފެރީ އަދި ބަހުގެ ހިދުމަތުގެ ޝެޑިއުލް އެ ކުންފުނީގެ ވެބްސައިޓުން ބަލާލެވޭނެއެވެ.