މާލޭ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރިން އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:07 އެހާކަންހާއިރު ކަމަށެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ، އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ ވަގުތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަހަށާއި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދަތުރުކުރި ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ބަހުގައި ޖެހިގެން ކަމަށެވެ.
