މި އަހަރުގެ ދިރާސީ އާ އަހަރަށް ގްރޭޑް 1 އިން ޖާގަ ދޭނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ހަ އަހަރު ފުރި، ހަތް އަހަރު ނުފުރޭ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މި އަހަރުގެ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ސާކިއުލާއެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް ފޮނުވާފައެވެ. އެގޮތުން އެ ސާކިއުލާގައި ވާގޮތުގައި މިއަހަރު ދިރާސީ އާ އަހަރު ނާސަރީއަށް ވެއްދެނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ތިން އަހަރު ފުރި ހަތަރު އަހަރު ނުފުރޭ ކުދިންނެވެ.
އެލްޖޭޖީއަށް ވެއްދެނީ ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޢ ކުދިން ކަމަށާއި ޔޫކޭޖީއަށް ވެއްދޭނީ ފަސް އަހަރު ފުރި ހަ އަހަރު ނުފުރޭ ކުދިން ކަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ. އަދި ގްރޭޑް 1 އަށް ކުދިން ވެއްދޭނީ ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ދަރިވަރުންނަށް ކަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ.
މި ގޮތަށް އުމުރު ބަލާނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ. ހަމައެއާއެކު 2024-2023 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ފަށާ ތާރީހް ކަމަށް ބުނާ މެއި 26 ގައި ޔޫކޭޖީއަށް ބަދަލުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި 2024-2023 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ވަނަ އަހަރުގެ މެއި 26 ގައި ގްރޭޑް 1 އަށް ބަދަލުވާނެ ކަމަށް ވެސް ބުނެއެވެ.
ނަމަވެސް މި އަހަރުގެ މާޗްގެ ނިޔަލަށް ހަތަރު އަހަރު ފުރޭ ދަރިވަރުން އެލްކޭޖީއަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެ ނަމަ ދޭން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. ހަމައެއާއެކު އެއްވެސް ދަރިވަރަކު އެ ހުރި ގްރޭޑުގައި ރިޕީޓު ނުކުރާނެ ކަމަށާއި ނަމަވެސް ހާއްސަ ހާލަތެއް ނުވަތަ މަގުބޫލު އުޒުރެއް އޮތް ނަމަ މިހާރު ކިޔަވަމުން އަންނަ ގްރޭޑްގައި ރިޕީޓް ކުރުމަށް ބެލެނިވެރިޔާ އެދިއްޖެ ނަމަ އެކަން ސްކޫލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅަން ވެސް ވަނީ އެދިފައެވެ. އެ ފަދަ ހާލަތެއްގައި ވެސް ދަރިވަރަކު ރިޕީޓް ކުރެވޭނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައި، މިނިސްޓްރީން ލިޔުމުން ހުއްދަ ލިބުމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން ގްރޭޑު 1 އިން ޖާގަ ދެނީ އެ އަހަރެއްގެ ޖެނުއަރީ 1 އަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑާ ގުޅީގެން ދިރާސީ އަހަރު އޮގަސްޓުގައި ފަށާގޮތަށް ބަދަލުކުރުމުން ވޭތުވެދިޔަ ދެ އަހަރު، ގްރޭޑް 1 އަށް ކުދިން ވެއްދީ ޑިސެމްބަރުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ދަރިވަރުންނެވެ.