ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް ހަމަލަދިން މީހުން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ.

މިއަދު ހެނދުނު ކަސްރަތުކުރުމުގައި އުޅުއްވަނިކޮށް ތޫނު އެއްޗަކުން ޝަމީމަށް ދިން ހަމަލައާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުން އޭނާ އަށް ވަނީ ފަރުވާ ދީފައެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑު، ސަބްއިންސްޕެކްޓަރު އަހްމަދު ނާފިޒު ވިދާޅުވީ ޝަމީމަށް ދިން ހަމަލާގެ މައްސަލަ ތަހުގީގުކޮށް، އެ މައްސަލައިގެ އެންމެ ފުނަށް ދިއުމަށް ފުލުހުން މަސައްކަތްކުރައްވާނެ ކަމަށެވެ.

އެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ނާފިޒު ވިދާޅުވީ، ޝަމީމަށް ހަމަލަދިން ދެ މީހުން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޝަމީމަށް ދިން ހަމަލައާ ގުޅިގެން ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:

  • ހަމަލާގެ ސަބަބުން އޭނާގެ ވައަތުގައި ރެނދެއް ލާފައިވާ ކަމަށް
  • ހާލު ރަނގަޅު ކަމަށާއި މިހާރު ހުންނެވީ ގޭގައި ކަމަށް
  • ކަސްރަތުކުރުމަށް އެނބުރި ވަޑައިގަންނަވާނީ މިހާރަށް ވުރެ ގަދަކޮށް ކަމަށް

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، ޝަމީމަށް ހަމަލާ ދިނީ ސައިކަލެއް ދުއްވާފައި ދިޔަ ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެން ކަމަށާއި، އެ ހަމަލައާ ގުޅިގެން ޝަމީމަށް ސިފައިން މިހާރު ފޯރުކޮށްދެމުންދާ ރައްކާތެރިކަން ވަރުގަދަކޮށްފައިވާ ކަމަށެވެ.