ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން އާންމުކޮށްފައިވާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެސް (ސީޕީއައި) 2023 އިން ދައްކާ ގޮތުގައި ދިވެހިރާއްޖެ 40 ޕޮއިންޓުން 39 ޕޮއިންޓަށް ވެއްޓިއްޖެއެވެ.
އެއާކު ރާއްޖެ ހިމެނެނީ ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.
ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު އާންމުކުރާ " ކޮރަޕްޝަން ޕާސެޕްޝަން އިންޑެެކްސް" އަކީ އެކި ގައުމުތަކުގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ދައްކުވައިދޭ އިންޑެކްސްއެކެވެ. ދައުލަތް ހިންގުމުގައި ކޮރަޕްޝަން ހިމެނޭ މިންވަރު 1 އިން 100 އަށް ގިންތިކުރާ މި އިންޑެކްސްއިން ދައްކުވައިދޭ ގޮތުގައި 0 (ސުމެއް) އެއީ ކޮރަޕްޝަނުގެ އަމަލުތައް އެންމެ ގިނަ ކަމަށް ގަބޫލު ކުރެވޭ، އަދި 100 އެއީ ކޮރަޕްޝަންގެ އަމަލުތައް އެންމެ މަދުކަން ގަބޫލު ކުރެވޭ މިންވަރެވެ.
2023 ވަނަ އަހަރުގެ ސީޕީއައިގައި 180 ގައުމު ހިމަނާފައި ވާއިރު ދިވެހިރާއްޖެއަށް ލިބިފައިވާ ސްކޯ އަކީ 39 ކަމުން، ދިވެހިރާއްޖެ ރޭންކް ކުރެވިފައި ވަނީ މި އިންޑެކްސްގެ 93 ވަނައިގައެވެ. ސީޕިއައި ސްކޯ މިން ކުރަނީ ކޮރަޕްޝަން އަށަގަނެވިފައިވާ ކަމަށް އާންމުންނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށްކޮށްފައިވާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައެވެ.
ރާއްޖޭގެ 2023 ވަނަ އަހަރުގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިޑީ އެންޑް އިން ސިޓިޓިއުޝަނަލް އެސެސްމެންޓް (ސީޕީއައިއޭ) އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުގެ ސީޕީއައި ސްކޯއިން ހާމަވެގެން ދަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަށް ތައާރަފްކުރެވިފައިވާ ގާނޫނުތަކަށް އަމަލު ކުރުމުގައި އަދި ތަންފީޒުކުރުމުގައި ދިވެހިރާއްޖެއިން ކުރިއެރުމެއް އައިސްފައިނުވާ ކަން ކަމަށެވެ. އަދި ފާއިތުވި އަހަރުތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓް ކުރުމުގައި އަދި ތަހުގީގު ކުރުމުގެ އިތުރުން ދައުވާކޮށް އިންސާފު ނުލިބި ގާނޫނުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ކުރުވުމަށް އަދިވެސް ރާއްޖެއިން ނުކުޅެދުންތެރިވެފައިވާ ކަމަށެވެ.
ސީޕީއައިގެ މެދުމިނުގެ ގިންތިގެ ގައުމުތަކަކީ ނިޒާމުގެ ގިނަ މައްސަލަތައް ހުރި، ބޮޑެތި ނުވަތަ ގްރޭންޑް ކޮރަޕްޝަން އަދި އިސް މަގާމުތަކުގައި ތިބޭ މަދު ބައެއް ނުހައްގުން މުއްސަދިވެ، ގިނަ ބަޔަކަށް އޭގެ އަސަރު ކުރާނޭފަދަ ހިޔާނާތުގެ އަމަލުތައް ގިނަ ގައުމުތަކެވެ. މިފަދަ ގައުމުތަކުގައި ޕެޓީ ކޮރަޕްޝަން ފަދަ އަމަލުތައް ހުއްޓުވުމަށް އެޅޭ ފިޔަވަޅުތަކަކުން ދެމެހެއްޓެނިވި ނަތީޖާއެއް ނުފެންނަކަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ފާހަގަ ކޮށްފައެވެ.