މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ތަހުލީލުތައް ނިމެދެން، ޕެނަޑޯލް ބޭނުންކުރުން ހުއްޓާލަން އެ އޮތޯރިޓީއިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން ބުނީ ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށްޓަކައި "ޕޯސްޓް މާކެޓް ސަވައިލަންސް ޕްލޭން" އެއް ހަދާ އެޕްލޭން އާ އެއްގޮތަށް ރެންޑަމް ސާމްޕަލްނަގާ، ބޭހުގެ ކޮލިޓޭޓިވް އަދި ކްއަންޓިޓޭޓިވް ޓެސްޓްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން ޕެނަޑޯލްގެ ސާމްޕަލެއް މާކެޓުން ނަގައި، ޓެސްޓުކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށާއި އާންމު ގޮތެއްގައި އެ ފަދަ މައްސަލަ ދިމާވަނީ ބޭސް ރައްކާތެރި ކުރުމުގައި ފުރިހަމަކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
އެމްއެފްޑީއޭއިން ބުނީ އެ ފަދަ މައްސަލައެއް ދިމާވެފައިވާ ބޭސް ބޭނުން ކުރުމުން ބޭހުން ލިބެން ޖެހޭ ފައިދާ ނުވަތަ ބޭހުގެ އަސަރު ނުކުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އެ ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު ދިރާސާކުރަމުންދާ ކަމަށެވެ. އަދި އެމްއެފްޑީއޭއިން ވަނީ ވަކި ގޮތެއް އަންގަންދެން، ފާމަސީތަކުންނާއި އާންމު ފިހާރަތަކުން މިވަގުތު މި ބޭސް ނުވިއްކުމަށް އަންގާފައެވެެ. އަދި އެ ތަހުގީގު ނިމެންދެން މި ބޭސް ރާއްޖެ އެތެރެކުރުން މަނާ ކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި ވަގުތު ފާމަސީތަކާއި ބޭސް ރައްކާކުރާ ގުދަންތަކުގައި އަދި އާންމު ފިހާރަތަކުގައި ހުރި ބޭހުގެ ސްޓޮކް ވަކި ކުރުމަށްފަހު ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިނުގައި ބެހެެއްޓުމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
އެ އޮތޯރިޓީއިން އިތުރަށް ބުނީ ޕެނަޑޯލް (ޕެރަސެޓަމޯލް) ރާއްޖެގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއް ބޭސް ކަމަށާއި ފެރަސެޓަމޯލް 500 މިލިގްރާމްގެ އިތުރުން 11 ބްރޭންޑަކާއި ޕެރަސެޓަމޯލް 650 މިލިގްރާމްގެ 7 ބްރޭންޑް އެޕްރޫވް ޑްރަގް ލިސްޓްގައި ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.