މަޖިލީހުން މިއަދު ރުހުން ނުދީ އަނބުރާ ފޮނުވާލި ބަންޑަރަނައިބު އަހްމަދު އުޝާމާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަލުން ވަޒީރުކަމުގެ ހުވާކުރައްވައިފިއެވެ.

އުޝާމާއި ޝަހީމާއި ހައިދަރު އަލުން މަގާމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ތިން ބޭފުޅުންނަށް އެރުއްވީ އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ތިން ބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ރައީސް އައްޔަނުކުރެއްވި ވަޒީރުންގެ ތެރެއިން އިިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓުންގެ މަޖިލިސް މެންބަރުން ވަކިވަކިން ކުރެއްވި މަޝްވަރާތަކުގައި އިއްޔެ ނިންމީ އުޝާމަށާއި ޝަހީމަށާއި ހައިދަރަށް ރުހުން ނުދިނުމަށެވެ. އެ ތިން ބޭފުޅުންނަށް ރުހުން ނުދޭން ދެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ވެސް ނެރުނެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ވޯޓަށް ނޭހުނު ނަމަވެސް، މިއަދުގެ ޖަލްސާގައި ވަނީ ވަޒީރުންނަށް ރުހުން ދިނުމަށް މެންބަރުން ވޯޓު ދެއްވައިފައެވެ.

މިއަދު ނެގި ވޯޓުގައި ދެ ޕާޓީގެ މެންބަރުންގެ ވޯޓާ އެކު ޝަހީމަށާއި އުޝާމަށާއި ހައިދަރަށް މަޖިލީހުން ރުހުމެއް ނުލިބުނެވެ. އެގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން ވޯޓު ދެއްވި ގޮތަށް ބަލާއިރު:

- އުޝާމް: ފެންނަ ކަމަށް 24، ނުފެންނަ ކަމަށް 44

- ޝަހީމް: ފެންނަ ކަމަށް 30، ނުފެންނަ ކަމަށް 31، ވަކިކޮޅަކަށް ދޭން ބޭނުންނުވާ 8

- ހައިދަރު: ފެންނަ ކަމަށް 24، ނުފެންނަ ކަމަށް 46

ޝަހީމަށާއި އުޝާމަށާއި ހައިދަރަށް މަޖިލީހުން ރުހުން ނުދިނުމުން މިއަދު ސަރުކާރު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުން މިއަދު ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ނުދިނީ ވަކި ބަޔަކު އަންގައިގެން ކަމަށާއި އެއީ މެންބަރުން އަމަލު ކުރަންޖެހޭ އުސޫލު ނޫން ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ސަލީމް ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.