ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު ޗޮކުލެޓެއް ކަމަށްވާ ޓޮބްލެރޯން ބްރޭންޑްގެ މިލްކް ޗޮކުލެޓްގައި ޕްލާސްޓިކް ހިމެނޭކަމަށް ބުނެ ރާއްޖެއަށް އެެތެރެ ކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ސްވިޒަލޭންޑްގެ ޓޮބްލެރޯން ބްރޭންޑްގެ މިލްކް ޗޮކުލެޓް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕް ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓްވޯކް (އައިއެންއެފްއޯއެސްއޭއެން) މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
އަދި މިފަދަ މައްސަލައެއް އެ ޗޮކުލެޓަށް ދިމާވާން މެދުވެރިވި ސަބަބެއްގެ ގޮތުގައި އެ އޮތޯރިޓީން ފާހަގަކޮށްފައި ވަނީ ޗޮކުލެޓު އުފެއްދުމަށް ބޭނުންކުރާ މެޝިނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ވެއެވެ.
"ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތިރީގައި ތަފްސީލް ދެވިފައިވާ ޓޮބްލެރޯން ބްރޭންޑްގެ މިލްކް ޗޮކުލެޓު ރާއްޖެއަށް އެތެރެ ނުކުރުމާއި ނުވިއްކުމަށް އަންގަމެވެ." އެ އޮތޯރިޓީގެ ބަޔާނުގައި ވެއެވެ.
ތަޣައްޔަރުވެފައިވާ މި ޗޮކުލެޓު ކެއުމުގެ ސަބަބުން ޕްލާސްޓިކް ކޮޅެއް ކަރުގައި ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުން ފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތްކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.